ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާގެ މަޢުލޫމާތު މާދަމާއިން ފެށިގެން "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް ލިބެމުންދާނެ ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.
ހައުސިންގ މިނިސްޓްރީން ވިދާޅުވީ، ގޯއްޗާއި ފުލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތައް ވެރިފައި ކުރުމުގެ މަސައްކަތް މިހާރު އެ މިނިސްޓްރީން ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން ހުށަހަޅާފައިވާ މައުލޫމާތުތަކާއި، ސަރުކާރުގެ އެކި އިދާރާތަކާއި ކައުންސިލުތަކުން މިނިސްޓްރީއަށް ފޮނުވާފައިވާ މައުލޫމާތުތަކަށް ރިޢާޔަތްކޮށް، އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މައުލޫމާތުގައި އެއްވެސް ފުށުއެރުމެއްވާނަމަ އެކަން ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އަންގާނެ ކަމަށެވެ.
މީގެއިތުރުން، ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީން ފޮނުވާ ނޯޓިސްގައިވާ މައުލޫމާތަކީ ސައްހަ ނޫން މައުލޫމާތެއް ކަމުގައިވާނަމަ، އެކަމުގެ ތަފްސީލާއި ކަމާގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމަށް ކަލަންޑަރު 7 (ހަތެއް) ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. އަދި ޕޯޓަލްގައި އެޕްލިކޭޝަނާ ގުޅިގެން އަންނަ ބަދަލުތަކުގެ މައުލޫމާތު، ފޯމު ފުރުމުގައި ހިއްސާކޮށްފައިވާ މޮބައިލް ނަންބަރަށް އެސް.އެމް.އެސް މެދުވެރިކޮށް ފޮނުވޭނެ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.
މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، ދެވިފައިވާ މުއްދަތުގެ ތެރޭގައި ފާހަގަކުރެވިފައިވާ މައްސަލައަށް ޖަވާބު ހުށަނާޅައިފިނަމަ، އެ އެޕްލިކޭޝަނަކީ ޝަރުތު ހަމަނުވާ ނުވަތަ ހުށަހެޅި ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބެލެވޭނެއެވެ.
އެހެންކަމުން، މި މަރުހަލާގައި އެޕްލިކޭޝަނާ ގުޅިގެން މިނިސްޓްރީން ފާހަގަކުރާ މައްސަލަތަކަށް ޖަވާބު ހުށަހަޅަންވާނީ ހަމައެކަނި "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށެވެ. އަދި އީމެއިލް، ސިޓީ ނުވަތަ އެހެން އެއްވެސް ވަސީލަތެއްގެ ޒަރީއާއިން ހުށަހަޅާ ޖަވާބުތައް މި މަރުހަލާގައި ބަލައިނުގަންނާނެ ކަމަށް ހައުސިންގ މިނިސްޓްރީގެ އިއުލާނުގައި ވަނީ ފާހަގަކޮށްފައެވެ.









