ތިލަމާލެ ބްރިޖުގެ މަޝްރޫޢުގެ ދަށުން މާލެއާއި ވިލިމާލެ ގުޅުވައިދޭ އެންމެ ފަހު ސެގްމަންޓު މިއަދު ހެނދުނު ގުޅާލުމަށް ބާއްވާ ޚާއްސަ ހަރަކާތާއެކު، ބްރިޖުގެ މައި އޮނިގަނޑުގެ މަސައްކަތް މުޅިން ފުރިހަމަވެގެންދާނެއެވެ. މާލެ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢު ހިންގާ އިންޑިއާގެ އެފްކޮންސް ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި، މި ސެގްމަންޓު ގުޅާލުމަށްފަހު ދެން ކުރިއަށްދާނީ ރައްކާތެރިކަމުގެ ރޭލިންގްސްއާއި ލައިޓްތައް ހަރުކުރުން ފަދަ ފިނިޝިންގް މަސައްކަތްތަކެވެ. ބްރިޖުގެ މައި އޮނިގަނޑު ގުޅާލެވުނު ނަމަވެސް، އާންމުންނަށް ދަތުރުފަތުރު ކުރަން ފެށޭނީ މި ފިނިޝިންގ މަސައްކަތްތައް އެއްކޮށް ފުރިހަމަވުމުންނެވެ.

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ހައިވޭތަކަކުން ގުޅާލަދޭ މި މުޅި ކަނެކްޓިވިޓީގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުރެއެވެ. ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ގުޅީފަޅުގައި ބާރުސްޕީޑުގައި ކުރިއަށްދާއިރު، ތިލަފުށީގައި މިހާރު ކުރިއަށްދަނީ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްތަކެވެ. މުޅި މަޝްރޫޢުގެ %76.1 މަސައްކަތް މިހާރު ނިމިފައިވާއިރު، ފިނިޝިންގ މަސައްކަތްތައް އެއްކޮށް ނިންމައި ބްރިޖު އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް މިހާރު އަމާޒު ހިފާފައިވަނީ 21 ޑިސެމްބަރު 2027 އަށެވެ.

މި ބިޔަ މަޝްރޫޢަކީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ހިންގާ އެންމެ ބޮޑު އެއް ޢުމްރާނީ ތަރައްޤީގެ މަސައްކަތް ކަމަށްވާއިރު، މީގެ ޖުމްލަ ޚަރަދު 500 މިލިޔަން ޑޮލަރަށް (7 ބިލިޔަނަށް ވުރެ ގިނަ ރުފިޔާއަށް) އަރައެވެ. މި މަޝްރޫޢު ކުރިއަށްދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިޔަން ޑޮލަރުގެ ގްރާންޓާއި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އެހީގެ ދަށުން، ދިވެހި ސަރުކާރުގެވެސް ޚަރަދުތަކާއެކުގައެވެ. މި ބްރިޖު ނިމުމުން މާލެ ސަރަޙައްދުގެ އިޤްތިޞާދަށާއި ކަނޑުމަގުން ކުރާ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެއެވެ.