ރާއްޖޭގެ އިންޖިނިއަރުންގެ ދުވަހާ ގުޅުވައިގެން، މާލެއާއި ވިލިމާލެ ގުޅުވައިދޭ ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފުރަތަމަ ފަހަރަށް ބްރިޖު ހުރަސްކުރައްވައި ފައިމަގުގައި ވިލިމާލެއަށް ވަޑައިގެންފިއެވެ.
މި ތާރީޚީ ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބަލަސުބްރަމާނިއަމްއާއި، ސަރުކާރުގެ ބައެއް ވަޒީރުންގެ އިތުރުން މަޝްރޫޢުގެ ކޮންޓްރެކްޓަރު އެފްކޮންސް ކުންފުނީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ބްރިޖުގެ މެދަށްހާ ހިސާބަށް މަޑުކޮށްލެއްވުމަށްފަހު މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އުމްރާނީ ތަރައްޤީގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް މި ސަރުކާރުން އިސްކަންދޭ މިންވަރު ތިލަމާލެ ބްރިޖު މަޝްރޫޢުން ހާމަވާ ކަމަށެވެ. އެގޮތުން، މި ވެރިކަމާ ހަވާލުވި އިރު އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހުއްޓިފައި އޮތް ނަމަވެސް، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވީ އެ މަސައްކަތްތައް އަވަސްކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވެރިކަމާ ހަވާލުވެ މަޝްރޫއުތައް އަވަސް ކުރުމަށް މަސައްކަތް ކުރިން. އެގޮތަށް ހަމަ ހުއްޓިފައިވާ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަޝްރޫއުތަކުގެ މަސައްކަތްތައް މިވަނީ ނިންމާލެވިފައި. މީގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުގެ މަސައްކަތާއި، ހަނިމާދޫ އެއާޕޯޓުގެ މަސައްކަތްތައްވެސް އެބަ ހިމެނޭ." ރައީސް ވިދާޅުވިއެވެ.
ވެރިކަމާ ހަވާލުވި ދުވަސްވަރު ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދިޔައީ ވަރަށް ލަސް ދުވެއްޔެއްގައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އިންޑިއާ ސަރުކާރާއެކު ގުޅިގެން އެޅުނު ފިޔަވަޅުތަކުގެ ސަބަބުން މަސައްކަތުގެ ދުވެލި ވަރަށް ބޮޑަށް އަވަސްވެފައިވާ ކަމަށެވެ. އަދި މިހާރު މާލެއާއި ވިލިމާލެ ބްރިޖުން އެއްކޮށް ގުޅާލެވިފައިވާއިރު، މި ކާމިޔާބީ ހާސިލުކުރެވުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އެ ޤައުމުގެ ސަރުކާރުން ދެއްވި އެއްބާރުލުމާއި ދެފަރާތުގެ ޓީމުތަކުގެ ބުރަ މަސައްކަތުން ކަމަށް ވިދާޅުވެ، އިންޑިއާ ސަރުކާރަށާއި ސަފީރަށް އަދި ކޮންސްޓްރަކްޝަން މިނިސްޓަރަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
މީގެއިތުރުން، އެފްކޮންސް ކުންފުނިން މަސައްކަތް ކުރިއަށްގެންދާ ދުވެއްޔަށް ތައުރީފު ކުރައްވަމުން ރައީސް ވިދާޅުވީ، އަމާޒަކީ ކުރިއަށް އޮތް ގިނަވެގެން އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ފުރިހަމަކުރުން ކަމަށާއި، މި ބްރިޖު ނިމުމުން ގްރޭޓާ މާލެ ސަރަހައްދުގެ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި އިންޑިއާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމަށާއި، މި ބިނާއަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ވަރުގަދަ ގުޅުމުގެ ރަމްޒެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ހިނގާލުމުގައި ބައިވެރިވެވަޑައިގެން އިންޑިއާގެ ސަފީރު ޖީ. ބަލަސުބްރަމާނިއަމް ވިދާޅުވީ، އިންޑިއާއިން ބޭރުގައި އެ ޤައުމުން ހިންގާ މިފަދަ ބޮޑު މަޝްރޫޢެއްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއެކު ބްރިޖު މަތީގައި ހިންގަވާލެއްވުމުގެ ޝަރަފު ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި މަސައްކަތް ނިމިގެންދާއިރު، މިއީ ދިވެހިރާއްޖެއަށް ލިބިގެންދާނެ ވަރަށް މުހިންމު، އަގުހުރި އެސެޓަކަށް ވެގެންދާނެ ކަމަށްވެސް ސަފީރު ފާހަގަކުރެއްވިއެވެ.
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ތިލަމާލެ ބްރިޖު މަޝްރޫއަކީ މިހާރު ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫޢެވެ.









