ޖަލުތަކަށް ޤަވާޢިދާ ޚިލާފަށް ވައްދާ މޯބައިލް ސިމްކާޑުތައް ބޭނުންކޮށްގެން ހިންގާ ސްކޭމްތަކާއި މަކަރާއި ހީލަތުގެ މުޢާމަލާތްތައް ހުއްޓުވުމަށްޓަކައި، ރާއްޖޭގައި މަސައްކަތްކުރާ އަންސްކިލްޑް (އާދައިގެ) ބިދޭސީންގެ ސިމްކާޑު ބަދަލުކުރުމުގެ އުސޫލުތައް ސަރުކާރުން ނުހަނު ހަރުދަނާކޮށްފިއެވެ. ވަޒީރުންގެ މަޖިލީހުން ބޭއްވެވި ޖަލްސާގައި ނިންމަވާފައިވަނީ، ބިދޭސީއެއްގެ ސިމްކާޑު ހަލާކުވެގެން ނުވަތަ ގެއްލިގެން އަލުން ރިޕްލޭސް ކުރަންޖެހޭ ޙާލަތްތަކުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެކަން ހުށަހަޅައި ޕޮލިސް ރިޕޯޓެއް ހޯދުމަށްފަހު މެނުވީ އިތުރު ނަންބަރެއް ދޫނުކުރެވޭ ގޮތް ހެދުމަށެވެ.
މި ނިންމެވުމުގެ ދަށުން، ރާއްޖޭގައި މޯބައިލް ސިމްކާޑު ދޫކުރުމުގެ މުޅި ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. މިއީ އެކި ފަރާތްތަކުގެ ނަމުގައި ގިނަ އަދަދަކަށް ސިމްކާޑު ނަގައިގެން، އޭގެ ނާޖާއިޒު ފައިދާ ނަގައި ޖަލުތަކަށް ސިމްކާޑު ފޯރުކޮށްދޭ މަގުތައް ބަންދުކުރުމަށްޓަކައި ސަރުކާރުން އެޅުއްވި ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ސިޔާސަތެކެވެ.
ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން ޖަލަށް ސިމްކާޑާއި މުވާޞަލާތީ ވަސީލަތްތައް ވެއްދުމަކީ މަނާ ޖިނާއީ ކުށަކަށްވާއިރު، މިފަދަ ތަކެތި ޖަލަށް ވައްދައިދޭ ފަރާތްތަކަށާއި އެކަމަށް އެހީތެރިވާ މީހުންނަށް ވެސް ޤާނޫނީ ހަރުކަށި އަދަބު ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ޖަލުގެ ތެރެއިން މަނާ ތަކެތި ފެންނަ ޤައިދީންނަށް ވެސް ވަކި ޖިނާއީ ކުށެއްގެ ދަޢުވާ އުފުލައި ބަންދު މުއްދަތު އިތުރުވުމާއި، ޢާއިލީ ބައްދަލުވުންތަކާއި ފޯނު ކޯލް ފަދަ އިނާޔަތްތައް ވަކި މުއްދަތަކަށް ހިފެހެއްޓުމާއި، އެކަހެރިކޮށް ބަންދުކުރުން ފަދަ ހަރުކަށި އިދާރީ ފިޔަވަޅުތައް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން، އަމިއްލަ ނަމުގައި ސިމްކާޑު ނެގުމަށްފަހު ނާޖާއިޒު ގޮތުގައި ޖަލުތަކަށް ވައްދާ ފަރާތްތަކާއި ސްކޭމްތަކަށް ހިތްވަރުދޭ ފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް ޤާނޫނީ ގޮތުން ދެވޭނެ އެންމެ ހަރުކަށި ޖިނާއީ ފިޔަވަޅު އެޅުމުގެ މަގު ފަހިވެގެންދާނެއެވެ.
ސަރުކާރުގެ އަމާޒަކީ މިފަދަ ހަރުދަނާ ސިޔާސަތުތަކުގެ އެހީގައި، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ޖަލުތަކަކީ ކުށްކުރުމުގެ މާޙައުލަކަށް ވިޔަނުދީ، ކުށްތައް މަދުކުރުމުގައި ދުނިޔޭގެ ނިސްބަތުން އެންމެ ކުރިއަރާފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެއްދެވުމެވެ.









