ޖަލުތަކަށް ޤަވާޢިދާ ޚިލާފަށް ވައްދާ މޯބައިލް ސިމްކާޑުތައް ބޭނުންކޮށްގެން ހިންގާ ކުށްތައް ހުއްޓުވުމަށްޓަކައި، އެ ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ޤާނޫނީ އަދި އިދާރީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅޭކަން ކަށަވަރުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
މި ނިންމެވުން ނިންމަވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. މިއީ ޖަލުތަކުގެ ތެރޭގައި ސިމްކާޑު ބޭނުންކޮށްގެން ހިންގާ މަކަރާއި ހީލަތުގެ މުޢާމަލާތްތަކާއި އެހެނިހެން ކުށްތަކަށް ނިމުމެއް ގެނައުމަށްޓަކައި ސަރުކާރުން ފެށްޓެވި މުހިންމު މަސައްކަތެކެވެ.
ޖަލަށް އެންމެ ގިނައިން ސިމް ކާޑު ވައްދަނީ ބިދޭސީންގެ ނަމުގައި ކަން މީގެ ކުރިން ފުލުހުންނަށް ވަނީ ފާހަގަ ކުރެވިފައެވެ.
ރާއްޖޭގައި މަސައްކަތްކުރާ އަންސްކިލްޑް (އާދައިގެ) ބިދޭސީންނަށް، ކޮންމެ ފަރާތަކަށް އެއް ސިމްކާޑަށްވުރެ އިތުރަށް ދޫނުކުރެވޭނެ ގޮތަށް ވަނީ ބަދަލު ގެންނަން ނިންމަވާފައެވެ. އަދި ބިދޭސީއެއްގެ ސިމްކާޑު ހަލާކުވެގެން ނުވަތަ ގެއްލިގެން އައު ސިމްކާޑެއް ދޫކުރެވޭނީ ވެސް، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެކަން ހުށަހަޅައި، ކަނޑައެޅޭ ޚާއްޞަ ޕްރޮސެސްއެއްގެ ތެރެއިން އެކަނި ކަމަށް ވަޒީރުންގެ މަޖިލީހުން ވަނީ ކަނޑައަޅުއްވާފައެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން، އަމިއްލަ ނަމުގައި ސިމްކާޑު ނެގުމަށްފަހު ނާޖާއިޒު ގޮތުގައި ޖަލުތަކަށް ވައްދާ ފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް ޤާނޫނީ ގޮތުން ދެވޭނެ އެންމެ ހަރުކަށި އަދަބު ދިނުމުގެ މަގު ފަހިވެގެންދާނެއެވެ.
ސަރުކާރުގެ އަމާޒަކީ މިފަދަ ހަރުދަނާ ސިޔާސަތުތަކުގެ އެހީގައި، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ޖަލުތަކަކީ ކުށްކުރުމުގެ މާޙައުލަކަށް ވިޔަނުދީ، ކުށްތައް މަދުކުރުމުގައި ދުނިޔޭގެ ނިސްބަތުން އެންމެ ކުރިއަރާފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެއްދެވުމެވެ.









