ކުރީގެ ސަރުކާރުން ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތައް ގަދަކަމުން އަތުލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ވަނީ، ޤާނޫނާ ހިލާފަށް ނުވަތަ އެކަށީގެންނުވާ ގޮތަކަށް ދޫކޮށްފައިވާ ކަމަށް ބުނާ ބިންތައް ރައްޔިތުންގެ އަތުން ގަދަކަމުން އަތުލަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ބިންތައް އަތުލުމަށްފަހު މެނުވީ ރައްޔިތުންނަށް ފްލެޓް ޓަވަރުތައް އަޅައިގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ސިޔާސަތެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، ރައްޔިތުންގެ މިލްކިއްޔާތުގެ ހައްގަށް ސީދާ އަރައިގަތުމުގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވެފައިވަނީ، ކުރީ ސަރުކާރުން ބިންތައް ދީފައިވާ އެއްވެސް ރައްޔިތެއްގެ ބިން އަތުނުލާނެ ކަމަށެވެ. ނަމަވެސް، ޔާމީންގެ މި ވާހަކަތަކުން ފެނިގެންދަނީ ސަރުކާރުގެ މި ނިންމުމާ ދެކޮޅަށް، ގާނޫނީ ގޮތުން ރައްޔިތުންނަށް ލިބިފައިވާ ތަންތަން ދައުލަތަށް ނެގުމަށް ބާރުއަޅުއްވާ މަންޒަރެވެ.
ޔާމީން ވަނީ އިގްތިސާދީ ގޮތުން ގައުމު ބޮޑު ނާޒުކު ފައްތަރެއްގައި އޮތްކަން ދެއްކެވުމަށް މަސައްކަތް ކުރައްވާފައެވެ. އެގޮތުން، ގައުމުގެ ދަރަންޏާއި މާލީ ހާލަތުގެ ސަބަބުން ރަސްމާލެ ފަދަ ބިޔަ މަޝްރޫއުތައް ކުރިއަށް ނުގެންދެވޭނެ ކަމަށާއި، ކޮންޓްރެކްޓަރުންނަށް ދައްކަންޖެހޭ 14 ބިލިއަނެއްހާ ރުފިޔާ ނުދެއްކި ހުރުމުން މަޝްރޫއުތަކަށް ފައިސާ ހޯދަން ދަތިވާނެ ކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވާފައެވެ. އަދި މިކަމުގައި ދެން އޮތް ހަމައެކަނި ގޮތަކީ ފައިސާ ޗާޕުކުރުން ކަމަށާއި، އޭގެ ސަބަބުން ޑޮލަރުގެ އަގު އިންތިހާއަށް އުފުލިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ. މި ސަރުކާރުގެ އެންމެ ބޮޑު، އަދި ދިވެހި ތާރީހުގައި ވެސް ސަރުކާރަކުން ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ މަޝްރޫއަކީ ބޭކާރު ހަރަދެއް ކަމަށް ސިފަކުރައްވައި، އަދި އެއީ ބިމުން އަމިއްލަ ފައިދާތަކެއް ނެގުމަށް ހިންގާ ސްކީމެއްގެ ގޮތުގައި ތުހުމަތު ކުރައްވަމުން، ޔާމީން ވިދާޅުވީ ހުޅުމާލޭގައި ފްލެޓް އެޅުން މާ އަގުހެޔޮވެފައި ފަސޭހަވާނެ ކަމަށެވެ.
އިދިކޮޅު އެމްޑީޕީން ވެސް ރަސްމާލެ މަޝްރޫއަށް ފާޑުކިޔައި، އެހެން ރަށްރަށާއި ހިއްކާފައިވާ ބިންތަކުގައި ބޯހިޔާވަހިކަން ގާއިމުކުރުމަށް ވަކާލާތު ކުރި ނަމަވެސް، ޔާމީންގެ ވިސްނުންފުޅު އެހެން ހުރިހާ ފަރާތްތަކަށްވުރެ ހަރުކައްޓެވެ. އެމަނިކުފާނު ސީދާ ގޮވާލައްވަނީ ރައްޔިތުންގެ އަތުން ބިންތައް އަތުލުމަށެވެ. މިއީ އަމިއްލަ މީސްމީހުންގެ މިލްކިއްޔާތު އަތުލައިގަތުމަށް ގޮވާލައި، ބޮޑެތި ތަރައްގީގެ މަޝްރޫއުތަކަކީ އަގުބޮޑު ނުވަތަ ކޮރަޕްޝަން ކަމަށް ބުނެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަށް ދައްކަވާ ބަހަނާއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ރައްޔިތުންނަށް ދޫކޮށްފައިވާ އެއްވެސް ބިމެއް އަތުނުލައި، މާލެ ސަރަޙހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫއުތަކުގެ ތެރެއިން ފުރަތަމަ ފޭސްގައި 15،000 ގޯއްޗާއި ގާތްގަނޑަކަށް 8،000 އަށްވުރެ ގިނަ ފުލެޓް ގްރޭޓަރ މާލެ ސަރަހައްދުގައި އެޅުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ.
މި މަޝްރޫއުގެ ދަށުން ފުރަތަމަ ދޫކުރާ 15،000 ގޯތި މައިގަނޑު ގޮތެއްގައި ހަމަޖެހިފައިވަނީ އަލަށް ހިއްކަމުންދާ ރަސްމާލެއިންނެވެ. މީގެ އިތުރުން ހުޅުމާލެ ފޭސް 3، ގުޅީފަޅު، ގިރާވަރުފަޅު އަދި އުތުރުތިލަފަޅުން ވެސް ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގްރޭޓަރ މާލެ ސަރަހައްދުން ދޫކުރާ 8،000 އަށްވުރެ ގިނަ ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މި އަހަރުގެ ކުރީކޮޅުގައި ހުޅުވާލިއިރު، ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު އިއުލާނުކޮށް، މި ދައުރުގެ ތެރޭގައި (2028 ގެ މެދުތެރެއަށް) އިމާރާތްކުރުމުގެ މަސައްކަތްތައް އެއްކޮށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.
"ހައުސިންގ ފޮރ އޯލް" ސްކީމުގެ ދަށުން ދޫކުރާ މި ފްލެޓްތައް މައިގަނޑު ގޮތެއްގައި އަޅަނީ ހުޅުމާލެ އަދި ވިލިމާލޭގައެވެ. މިގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ހިންގާ "އެފޯޑަބަލް ހައުސިންގ ޕްރޮޖެކްޓް" (ކުއްޔަށް ދައްކައިގެން މިލްކުވާ މޮޑެލް) ގެ ދަށުން އެކަނިވެސް ހުޅުމާލޭގެ އެކި ފިޔަވަހިތަކާއި ވިލިމާލޭގައި ތަރައްގީ ކުރާނެއެވެ.
ރައީސް އޮފީހާއި ހައުސިންގ މިނިސްޓްރީން ޔަގީންކޮށްދޭ ގޮތުގައި، ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް ކުރިން ދީފައިވާ ގޯއްޗާއި ބިންތައް އަތުނުލައި، އެ ފަރާތްތަކުގެ ހައްގުތައް ފުރިހަމައަށް ރައްކާތެރިކޮށްދީގެން އައު ބިންތަކާއި ޓަވަރުތައް ތަރައްގީކޮށް ބޯހިޔާވަހިކަމުގެ އަގުހެޔޮ ފުރުސަތުތައް ފަހިކޮށްދިނުމެވެ.









