ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދެމުންދާ ފާމަސީގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ދިމާވާ ދަތިތައް ދެނެގަތުމުގެ މަގްސަދުގައި ސްޓޭޓް ފާމާއިން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، މ. ދިއްގަރު ކައުންސިލާއެކު މިއަދު ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި، ދިއްގަރުގެ ރައްޔިތުންނަށް ބޭސް ހޯދުމުގައި ދިމާވާ ދަތިތަކާއި، ބޭސް ލިބުން ލަސްވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ މައުލޫމާތު އެ ރަށު ކައުންސިލުން ވަނީ ސްޓޭޓް ފާމާގެ އިސްވެރިންނާ ހިއްސާކުރައްވާފައެވެ.
ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅިގެން، ސްޓޭޓް ފާމާގެ މެނޭޖިންގ ޑިރެކްޓަރ ޝާހު މާހިރު ވަނީ، ދިއްގަރުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޭހުގެ ދަތިކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ. އަދި ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް މެދުކެނޑުމެއްނެތި، ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށްޓަކައި އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލުވެސް ހިއްސާކުރެއްވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމުންދާ ފާމަސީގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، ސްޓޭޓް ފާމާއިން ދަނީ ގިނަ ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކޮށް މަޝްވަރާކުރަމުންނެވެ. މި ބައްދަލުވުންތަކުގެ މައިގަނޑު މަގްސަދަކީ ރަށްރަށުގެ ހާލަތު ގާތުން ބަލައި، ހިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމެވެ.









