ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގަމުން އައި ހުރިހާ ފާމަސީތަކެއް މިއަދުން ފެށިގެން "ސްޓޭޓްފާމާ" ގެ ނަމަށް ރަސްމީކޮށް ބަދަލުކޮށް، ހިދުމަތް ދޭން ފަށައިފިއެވެ.
މިއަދު ގެނެވުނު މި ބަދަލާ ގުޅޭގޮތުން އެސްޓީއޯއިން ހާމަކުރި ގޮތުގައި، މި ނިންމުމުގެ މައިގަނޑު މަގްސަދަކީ މުޅި ރާއްޖޭގައި ބޭހުގެ ހިދުމަތްތައް މިހާރަށްވުރެ ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އަދި މި ހިދުމަތް އިތުރަށް ހަރުދަނާކޮށް، ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގައި ސާބިތުކަމާއެކު ދެމިތިބުމަކީ ކުންފުނީގެ އަމާޒެއް ކަމަށްވެސް ސްޓޭޓް ފާމާގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ފުރުސަތުގައި، ދިވެހި ރައްޔިތުން އެ ކުންފުންޏަށް ކުރައްވާ އިތުބާރަށްޓަކައި އެސްޓީއޯއިން ވަނީ ނިހާޔަތަށް ޝުކުރު އަދާކޮށްފައެވެ. "މިފަދަ ޤައުމީ މުހިންމު ޒިންމާއަކާ ހަވާލުވުމަކީ މި ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް،" ސްޓޭޓް ފާމާގެ ބަޔާނުގައި ވެއެވެ.
މި ބަދަލުތައް ތަންފީޒުކުރަމުންދާއިރު، އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ކުންފުނީގެ ފަރާތުން ވަނީ މައާފަށް އެދިފައެވެ. އަދި ހިދުމަތާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ އެހީތެރިކަމެއް ބޭނުންވާނަމަ، ކުންފުނީގެ ހޮޓްލައިން ނަންބަރު 1505 މެދުވެރިކޮށް 24 ގަޑިއިރު އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަންވެސް އެ ކުންފުނިން ވަނީ ދީފައެވެ.
މި މަރުހަލާގެ ތެރެއިން ރައްޔިތުންނާއި، ސިއްހީ ދާއިރާގެ އެންމެހައި ފަރާތްތަކުގެ އިތުރުން ކުންފުނީގެ މުވައްޒަފުން ދެއްވި އެއްބާރުލުމާއި ބެހެއްޓެވި ކެތްތެރިކަމަށްޓަކައި ކުންފުނިން ވަނީ އިހްލާސްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.
"ސްޓޭޓްފާމާ" ގެ އެންމެ އިސް މަގްސަދަކީ "ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް" ފެންވަރު ރަނގަޅު، ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުން ކަމުގައި އެ ކުންފުނިން ހާމަކުރެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.








