ބޭސް ހޯދުމުގައި އާންމުންނަށް ލުއިފަސޭހަކޮށްދިނުމަށް ހާއްސަ ހޮޓްލައިން "1505" އާއި ޑިޖިޓަލް ޕޯޓަލް ތައާރަފްކޮށްފި
ބޭސް ހޯދުމުގައި އާންމު ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށާއި، ލުއިފަސޭހަކަމާއެކު ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުން ހާއްސަ ހޮޓްލައިން "1505" އާއި ޑިޖިޓަލް ޕޯޓަލްއެއް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
މި ކުންފުންޏަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ގަރާރު ނަންބަރު 2025/23 އިން އުފައްދަވާފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޭސްފަރުވާއާ ގުޅޭ ހިދުމަތްތައް ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުމެވެ. ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ސިއްހީ ނިޒާމު ޒަމާނީ ފެންވަރަށް ވިލަރެސްކުރުމުގެ ސިޔާސަތުގެ ދަށުން، ބޭހާއި ސިއްހީ އާލާތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ހިދުމަތް ފުޅާކުރުމަށް މި ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިއަދު ތައާރަފްކުރެވުނު 24 ގަޑިއިރުގެ ހޮޓްލައިން "1505" މެދުވެރިކޮށް، ޒަރޫރީ ބޭސްތައް ހޯދުމުގައި ދަތިތައް ކުރިމަތިވާ ފަރާތްތަކަށް ބޭހަށް އޯޑަރުކުރުމާއި، ބޭސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ހިދުމަތް ލިބިގެންދާނެ އެވެ. މީގެ އިތުރުން "އީފާސް" މެދުވެރިކޮށް ވަދެވޭ ގޮތަށް ފަރުމާކޮށްފައިވާ "ސްޓޭޓްފާމާ" ޕޯޓަލް (https://portal.statepharma.mv/) ވެސް މިހާރު ވަނީ ބޭނުންކުރަން ފަށާފަ އެވެ.
މި ޕޯޓަލް މެދުވެރިކޮށް ބޭހަށް އެދުމުގެ އިތުރުން، އެދިފައިވާ ބޭސް ލިބުމުގެ އެންމެ ފަހުގެ އަދާހަމަ (އަޕްޑޭޓްސް) ބަލާލެވޭނެ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ޕޯޓަލް ފަރުމާކޮށްފައިވަނީ އެންސްޕާގެ ނިޒާމާ ގުޅުވާލެވިގެން ކަމަށްވާތީ، ހުށަހަޅާ ހުށަހެޅުންތަކަށް ވަރަށް އަވަސް ހިދުމަތެއް ލިބިގެންދާނެ އެވެ.
މި އައު ހިދުމަތްތަކުގެ މައިގަނޑު މަގްސަދަކީ ދެފުށް ފެންނަ، އަދި ރައްޔިތުންނަށް ލުއިފަސޭހަ ނިޒާމެއްގެ ތެރެއިން ބޭހުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ. އެހެންކަމުން، ބޭސް ހޯދުމުގައި އެހީތެރިކަން ބޭނުންވާ އެންމެހާ ރައްޔިތުން "1505" ނަންބަރަށް ގުޅުއްވުމަށް ނުވަތަ ސްޓޭޓްފާމާ ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.









