ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބޭސް ފޯރުކޮށްދިނުމުގެ ލޮޖިސްޓިކްސް ނިޒާމު ހަރުދަނާކުރުމަށްޓަކައި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޭސް ރައްކާކުރާނެ ގުދަންތައް ތަރައްޤީކުރުމުގެ ވިސްނުން އެބަހުރިކަމަށް މޯލްޑިވްސް ސްޓޭޓް ފާމަސޫޓިކަލްސް ކޮމްޕެނީ (އެމްއެސްޕީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ. ޑިވެލޮޕްމަންޓްގެ މި ޕްލޭންތައް އޭނާ ހާމަކުރެއްވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ޑރ. ޝާހް ފާހަގަކުރެއްވި ގޮތުގައި، ކުރިން އެސްޓީއޯ އިން ރާއްޖެއަށް ބޭސް އެތެރެކުރިއިރު ރާއްޖޭގެ 3 ސަރަޙައްދެއްގައި ބޭސް ގުދަންތައް ހަދަން ނިންމާފައި އޮތެވެ. ނަމަވެސް، މިހާރު ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މުޅި މަސައްކަތް ސްޓޭޓް ފާމަސޫޓިކަލްސްއާ ހަވާލުކޮށްފައި އޮތުމުން، ކުރިން އެސްޓީއޯއިން ބޭނުންކުރި ބޭހުގެ މައި ގުދަނާއި އިތުރު ގުދަންތައް މިހާރު ވަނީ އެ ކުންފުނީގެ ދަށަށް ބަދަލުކޮށް، ބަލަހައްޓަން ފަށާފައެވެ.

އެކި ސަރަހައްދުތަކުގައި އައު ގުދަންތައް ހެދުމުގެ މަސައްކަތް މިހާރު އޮތީ ޕްލޭނިންގ ސްޓޭޖް (ރޭވުމުގެ މަރުހަލާ) ގައެވެ. ޑރ. ޝާހް ވިދާޅުވީ، އައު ސަރަހައްދީ ގުދަންތައް ހެދެންދެން، މިވަގުތު ކުންފުނިން އެންމެ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތަކީ މާލޭގައި ހުރި މައި ގުދަނުން ރާއްޖޭގެ އެކި އަތޮޅުތަކަށް ބޭނުންވާ ބޭސް މެދުކެނޑުމެއްނެތް ގޮތެއްގައި ފޮނުވައި ފޯރުކޮށްދިނުން ކަމަށެވެ.