އޮގަސްޓް 5 ވީ ބުދަ ދުވަހުގެ ރޭ ދަންވަރު، ގއ. ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން ބަންޑުން ޖަހާލައި ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ "ފްރެންޑް 4" ސަޕްލައި ދޯނިން ގެއްލުނު 3 މީހުން ހޯދުމަށް ކަނޑުމަގުންނާއި ވައިގެ މަގުން މުޅި ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައިފިއެވެ.
މި ހާދިސާ ހިނގިތާ 11 ދުވަސް ފާއިތުވެފައިވާއިރު، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތުގައި ވަޔާއި ކަނޑުގެ އޮއިވަރަށް ބަލައި، އޮޔާ ހިނގައިދާނެ ކަމަށް ލަފާކުރެވޭ މިސްރާބުން ހުވަދޫ ކަނޑުގެ އިތުރުން ލ. އަތޮޅާއި ގއ. އަތޮޅުގެ އެ ބިތުގެ ފަރުތައް ވެސް ވަނީ ފުޅާ ދާއިރާއެއްގައި ބަލައި ފާސްކޮށްފައެވެ.
މި ބޮޑު ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންގައި ގެއްލުނު މީހުން ހޯދުމަށް މޯލްޑިވިއަންގެ އެއަރކްރާފްޓްތަކުގެ އިތުރުން ދިވެހި އަސްކަރިއްޔާގެ ޓީބީ2 ޑްރޯންސް ވަނީ ބޭނުންކޮށްފައެވެ. މި ޑްރޯންތަކަކީ އިންފްރާރެޑް ސެންސަރު ބޭނުންކޮށްގެން ރޭގަނޑުގެ އަނދިރީގައި ވެސް ކަނޑުމަތީގައި އެއްވެސް އެއްޗެއް ވޭތޯ ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދުތަކެކެވެ. މީގެއިތުރުން، އޮސްޓްރޭލިޔާ ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކޮށްފައިވާ "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ގައި ހުރި ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުމަގުން ވެސް ވަނީ މެދުކެނޑުމެއް ނެތި މަސައްކަތް ކޮށްފައެވެ.
މި އޮޕަރޭޝަނަށް ދިވެހި ސަރުކާރުން އެދިވަޑައިގަތުމާ ގުޅިގެން، އެމެރިކާ ސަރުކާރުގެ އެހީތެރިކަން ވެސް ވަނީ ލިބިފައެވެ. އެގޮތުން ކަނޑުމަތީގެ ސަރޗް އެންޑް ރެސްކިއު އަދި ސަވައިލަންސް މަސައްކަތްތަކަށް ޚާއްޞަ އެމެރިކާ ނޭވީގެ ޕީ8 މަރުކާގެ މަތިންދާބޯޓެއް ބޭނުންކޮށްގެން، އެކަނި ވެސް 6,300 އަކަނޯޓިކަލް މޭލުގެ ސަރަޙައްދެއް ވަނީ ބަލާފައެވެ.
މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ލޭންޑިންގ ކްރާފްޓަކާއި ޕޮލިސް ލޯންޗެއްގެ އިތުރުން އެމްއެންޑީއެފްގެ ލޯންޗެއް އޮތުމުން، ދޯނި އަޑިއަށް ދިޔަ ވަގުތު މޫދަށް ފުންމާލި މީހުންނާއި ސަލާމަތްވާން މަސައްކަތްކުރި މީހުން ވަނީ ވަގުތުން ސަލާމަތް ކުރެވިފައެވެ. ނަމަވެސް، ދޯނި ވަރަށް ކުއްލި ގޮތަކަށް ބަންޑުން ޖަހާލައި އަޑިއަށް ގޮސްފައިވަނީ ހުވަދޫ ކަނޑުގެ 1,600 މީޓަރަށް ވުރެ ފުން ސަރަހައްދަކަށެވެ. އެހެންކަމުން، މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު ގެއްލިފައިވާ 3 މީހުން ކަނޑުމަތިން ދިރިތިއްބާ ފެނުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް ބެލެވެއެވެ. ދޯނި އަޑިއަށް ގޮސްފައިވާ ފުންމިނަކީ އާދައިގެ ޑައިވަރުންނަށް ފީނޭނެ އަދި އަސްކަރީ ނިއުކްލިއަރ ސަބްމެރިންތަކަށް ވެސް ހަރަކާތްތެރިވެވޭނެ ފުންމިނެއް ނޫނެވެ.
މި ހާދިސާއާ ގުޅިގެން އިއްޔެ 18:00 ގެ ނިޔަލަށް ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ވައިގެ މަގުން 17,220 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް އަދި ކަނޑުމަގުން 2,790.10 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް ވަނީ ބަލާފައެވެ. މީގެއިތުރުން ކައިރި ރަށްރަށުގެ ގޮނޑުދޮށްތަކާއި ފަރުތައް ހިމެނޭހެން 288 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ވެސް ވަނީ ފާސްކޮށްފައެވެ. ސަލާމަތީ ހިދުމަތްތަކުން ދަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އެންމެހައި ކަންކަން މެދުކެނޑުމެއްނެތި ބަލަމުންނެވެ.









