ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި އެޕާޓްމަންޓުގައި ދިރިއުޅޭ 4 މީހުންނަށް ވަގުތީ ބޯހިޔާވެހިކަން ހަމަޖައްސައިދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، އެ އެޕާޓްމަންޓުގައި ދިރިއުޅޭ 3 އަންހެނުންނާއި ފިރިހެނަކަށް، ކުރިއަށް އޮތް 5 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވެހިކަމާއި ކެއިންބުއިމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިދީފައެވެ.
މި ހާދިސާ ހިނގާފައިވަނީ ހެންވޭރު ފަހިވާގޭގެ 7 ވަނަ ފަންގިފިލާގައެވެ. އެމްއެންޑީއެފުން ބުނީ، ހާދިސާގެ ރިޕޯޓު ލިބުމާއެކު އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ރޭ 8:40 ހާއިރު ފެށި ކަމަށާއި، އަލިފާން އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވުނީ 9:25 ހާއިރު ކަމަށެވެ. މި ހާދިސާގެ ސަބަބުން އެ އިމާރާތުގެ ބައެއް އެހެން އެޕާޓްމަންޓްތަކަށް ދުމުގެ އަސަރު ފޯރި ނަމަވެސް، ދިރިނޫޅެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށް އެންޑީއެމްއޭއިން ހާމަކުރެއެވެ.
މި ހާދިސާ ހިނގި ވަގުތު އެހީތެރިވުމުގައި ހަރަކާތްތެރިވި ފުލުހަކަށް އަނިޔާވެގެން ރޭ ވަނީ ފަރުވާދީފައެވެ. އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.









