ޤައުމަށް ލިބުނު ކޮންމެ އަނިޔާއެއްގެ ފަހަތުގައިވަނީ އަމިއްލައެދުން ބޮޑު ބައެއްގެ ޚިޔާނާތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ޚާއްޞަ މެސެޖުގައި މީގެ 467 އަހަރު ކުރިން "ކަނޑުގެބާޒުގެ" ނަމުން މަޝްހޫރުވި ފުރެތިކާލުންގެ އަޅުވެތިކަމަށް ރާއްޖެ ސިއްސައިގެން ދިޔައީވެސް، ޤައުމަށް ހެޔޮނޭދޭ އަމިއްލައެދުން ބޮޑު ބައެއްގެ ސަބަބުން ކަން ވަނީ ފާހަގަކުރައްވާފައެވެ.
މާޒީގެ އެ ހިތި ތަޖުރިބާތަކުން ފިލާވަޅު ލިބިގަނެ، އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް މިއަދު ހުރިހާ ދިވެހިން ގަދައަޅައި ޢަޒުމް ކަނޑައަޅަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބޭރުގެ ނުފޫޒުތަކަށް މަގުފަހިވަނީ ޤައުމުގެ އެތެރޭގެ ބަދަހިކަން ގެއްލި، އަމިއްލަ މަންފާ އިސްކުރާ ފަރާތްތަކަށް ފުރުޞަތު ލިބުމުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖުގައި ވަނީ ޤައުމާއި ރައްޔިތުން ބައިބައިކޮށް ނިކަމެތިކޮށްލާނެ ފަދަ އެންމެހައި ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށް ވުމަށް ހުރިހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ. އަދި ޤައުމުގެ މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ސަލާމަތްތެރިކަމާއެކު ފޯރުކޮށްދެވޭނީ، "އެންމެ ފުރަތަމަ ޤައުމު" އިސްކުރުމުގެ މަތިވެރި ޝިއާރު ދަމަހައްޓައިގެން ކަމަށް ވިދާޅުވިއެވެ.









