ނުކުޅެދުންތެރިކަން ހުންނާތީ ވީލްޗެއާ ބޭނުންކުރާ މީހަކު މާލޭގެ މިސްކިތަކަށް ނަމާދަށް ވަންނަން އުޅުމުން ނުވައްދައި، ހުތުރުކޮށް ކުރިމަތިން ދޮރު ލެއްޕި ހިތްދަތި މައްސަލައެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް ގެނެސްފިއެވެ. މި މައްސަލަ ރައީސްގެ ސަމާލުކަމަށް ގެނައީ ރައްޔިތުންގެ ޝަކުވާތައް އޮޅުންފިލުވުމަށް ރައީސް ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ ތެރެއިން، އެ ހާދިސާ ކުރިމަތިވި ފާއިޒް ނަމަކަށް ކިޔާ މީހަކު ރައީސްއާ ބައްދަލުކޮށް ދެއްކި ވާހަކައިގައެވެ.
ފާއިޒް ކިޔައިދިން ގޮތުގައި އަލިކިލެގެފާނު މަގުގައި ހުންނަ ސޮލާހުއްދީން މިސްކިތަށް އޭނާ ވަންނަން އުޅުމުން، މިސްކިތް ބަލަހައްޓާ މީހުން ދޮރު ލެއްޕީ ވީލްޗެއާގެ ސަބަބުން މިސްކިތް ހަޑިވެދާނެ ކަމަށް ބުނެއެވެ. ދޮރު ކައިރީ އަރިމަތީގައި އިށީނދެގެން އިނދެވިދާނެތޯ އާއި ފަހުން އެތަން ސާފުކޮށްލެވިދާނެތޯ އެދުމުންވެސް، "ވީލްޗެއާގައި އުޅޭ މީހުންނަށް ދުވަހަކުވެސް މި މިސްކިތަށް ނުވަދެވޭނެ" ކަމަށް ބުނެ އެމީހުން ވަނީ އޭނާ ފޮނުވާލާފައެވެ. މީގެ އިތުރުން ހުޅުމާލޭގެ މިސްކިތަކުންވެސް މިފަދަ ހިތްދަތި ތަޖުރިބާއެއް ކުރަންޖެހުމުން، މިސްކިތަށް ދިޔުން ހުއްޓާލައި މިހާރު ނަމާދު ކުރަނީ ގޭގައި ކަމަށް ފާއިޒް ބުންޏެވެ.
މި ވާހަކަތައް އަޑުއެއްސެވުމަށްފަހު ރައީސް މުއިއްޒު ވިދާޅުވީ މިއީ ވަރަށް ދެރަ އަދި ހިތާމަވެރި ކަމެއް ކަމަށެވެ. އަދި ވީޑިއޯ ހެއްކާއެކު ރައީސްއަށް މި ޝަކުވާ ހުށަހެޅުމުން، މާލޭ ސަރަހައްދުގެ މިސްކިތްތަކަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ފަސޭހައިން ވަދެވޭނެ ތަންތަނަށް ހަދައި، އެކަން މުޅިން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
މީގެ އިތުރުން ފާއިޒް ހުށަހެޅި މާލޭގެ ބަސްތަކަށް ވީލްޗެއާގައި އެރުމުގެ ހުރި ދަތިތަކާއި، އެންސްޕާ މެދުވެރިކޮށް ދޭ ވީލްޗެއާގެ ފެންވަރު ދަށްވުމުގެ ޝަކުވާތައްވެސް ބައްލަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.









