ދިވެހި ޒުވާނުންނަކީ ޤައުމުގެ އެންމެ ބޮޑު އެއް ބާރު ކަމުގައި ކަނޑައަޅުއްވައި، އެފަރާތްތަކަށް މަތީ ތަޢުލީމާއި، ހުނަރާއި، ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
https://x.com/mmuizzu/status/2087405922406866952?s=61
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް، އެއީ ގާތްގަނޑަކަށް %45 ޒުވާނުން ހިއްސާކުރާއިރު، އެމީހުންގެ އުފެއްދުންތެރިކަމާއި އަޒުމަކީ މުޅި ޤައުމުގެ މުސްތަޤުބަލު ބިނާކޮށްދޭނެ މުހިންމު އަސާސެކެވެ.
ޒުވާނުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި ސަރުކާރުން މިހާރުވެސް ދަނީ ގިނަގުނަ މަޝްރޫޢުތަކެއް ރާވައި ހިންގަމުންނެވެ. މިގޮތުން، ޒުވާނުން ވަޒީފާގެ ބާޒާރަށް ތައްޔާރުކުރުމަށްޓަކައި ހިންގާ "ނެޝެނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" އާއި، ޤައުމީ ލޯތްބާއި ޚިދުމަތުގެ ރޫޙު އާލާކުރުމަށް ފަށާފައިވާ "ވަޠަނީ ޚިދުމަތުގެ ޤައުމީ ޕްރޮގްރާމް" އަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ ދެ މަސައްކަތްކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އަމިއްލަ މަސައްކަތްކުރާ ޒުވާނުންނާއި ސްޓާޓްއަޕްތަކަށް ހާއްސަކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް 'ކްރިއޭޓިވް އިކޮނޮމީ' އެއް ބިނާކުރުމަށް ސަރުކާރުން ދަނީ ގިނަ ފުރުޞަތުތަކެއް ހުޅުވާލަމުންނެވެ.
މި ސިޔާސަތުތަކުގެ ދަށުން ރާއްޖެއާއި ރާއްޖޭއިން ބޭރުން މަތީ ތަޢުލީމުގެ ސްކޮލަރޝިޕްތަކާއި ލޯނު ފުރުޞަތުތައް ދިނުމުގައި ޒުވާނުން ބޭނުންވާ ދާއިރާތަކަށް އިސްކަންދެވޭނެއެވެ. ހަމައެހެންމެ، އައު ޓެކްނޮލޮގީއާއި ޑިޖިޓަލް އިގްތިސާދުގެ ތެރެއިން ޒުވާނުންނަށް ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކޮށްދިނުމަށް "ފްރީލާންސް" މަސައްކަތްތެރިންނަށް ބޭންކިންގ ނިޒާމުގެ ތެރެއިން ލުއިތައް ހޯދައިދިނުމުގެ މަސައްކަތްވެސް ދަނީ ބާރުދުވެލީގައި ކުރިއަށެވެ.
މިއީ ޒުވާނުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، ޤައުމުގެ ކުރިއެރުމުގައި ހިއްސާވާ ބަޔަކަށް ހެދުމަށް ސަރުކާރުން ކުރާ އިޚްލާޞްތެރި މަސައްކަތްތަކެކެވެ.









