ފަލަސްތީނުގެ ފުޓްބޯޅަ މުބާރާތްތައް މެދުކަނޑާލާފައި އޮތް އޮތުމަށް ނިމުމެއް ގެނެސް، ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބާއްވާ ތާރީޚީ މުބާރާތް "ހާސް ޝަހީދުންގެ ކަޕް" އަންނަ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ. މިއީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފެށުނު ހަނގުރާމައާ ގުޅިގެން ފަލަސްތީނުގެ އެތެރޭގެ ފުޓްބޯޅަ ހަރަކާތްތައް މުޅިން ހުއްޓިފައި އޮތުމަށްފަހު، ގާތްގަނޑަކަށް ތިން އަހަރު ފަހުން ބާއްވާ ފުރަތަމަ ރަސްމީ ލޯކަލް މުބާރާތެވެ.
މި މުބާރާތް ޚާއްޞަކޮށްފައިވަނީ ހަނގުރާމައިގެ ސަބަބުން ޝަހީދުވެދިޔަ ފަލަސްތީނުގެ 1,000 އަށްވުރެ ގިނަ ކުޅުންތެރިންނާއި ކުޅިވަރުގެ ޝަޚްޞިއްޔަތުންގެ ހަނދާނަށެވެ.
މި ބޮޑު މުބާރާތުގައި ފަލަސްތީނުގެ އެކި ސަރަޙައްދުތަކުން ޖުމްލަ 226 ކްލަބަކުން ވާދަކުރާނެއެވެ. މީގެ ތެރޭގައި ހުޅަނގު އައްސޭރިން (ވެސްޓް ބޭންކް) ބައިވެރިވާ 146 ކްލަބާއި، ލުބުނާނުގައި ހުރި ފަލަސްތީނުގެ ރެފިއުޖީ ކޭމްޕުތަކަށް ނިސްބަތްވާ 36 ކްލަބެއް ހިމެނެއެވެ. މީގެ އިތުރުން، ހަނގުރާމައިގެ އެންމެ ބޮޑު ހިތްދަތިކަމެއް ތަހައްމަލު ކުރަމުންދާ ޣައްޒާގެ 44 ކްލަބަކުންވެސް މި މުބާރާތުގައި ބައިވެރިވުމަކީ، ދަތިތަކާއި ހުރަސްތަކާ އެކުވެސް ފަލަސްތީނުގެ ރައްޔިތުންގެ ކިބައިގައި ހުރި ހިތްވަރާއި އެއްބައިވަންތަކަން ދުނިޔެއަށް ދައްކުވައިދޭނެ ކަމެކެވެ.
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި މުބާރާތް ކުރިއަށްދާނީ ގްރޫޕް ސްޓޭޖް އުޞޫލުންނެވެ. މިގޮތުން ހުޅަނގު އައްސޭރިއާއި ޣައްޒާ އަދި ލުބުނާނުގައި ހުރި ރެފިއުޖީ ކޭމްޕުތަކުގައި ވަކިވަކި ގްރޫޕްތަކެއްގެ މެޗުތައް ކުޅުމަށްފަހު، މުބާރާތުގެ ފައިނަލް ބުރުގެ ކުޅުން ކުރިއަށްދާނެއެވެ.









