ނ. ކެނދިކުޅުދޫގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ތަރައްގީކުރި ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވައިފިއެވެ.
ހޮނިހިރު ދުވަހު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕާކު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އަހްމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު އަފޫ ހާމިދު އާއި އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ނަޒީމްގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
ރަސްމީކޮށް ޕާކު ހުޅުވުމަށްފަހު، އެތަނަށް ޒިޔާރަތްކުރި ކުދިންނަށް ހަދިޔާ ބެހުންވެސް ކުރިއަށްދިޔައެވެ. މި ޕާކަކީ ރަށުގެ އާއިލާތަކަށާއި ކުޑަކުދިންނަށް ރައްކާތެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ބިނާކުރި ތަނެކެވެ.
އާރުޑީސީގެ މައިގަނޑު މަސައްކަތަކީ މަގު ހެދުމާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުން ކަމުގައިވީ ނަމަވެސް، އިޖުތިމާއީ ޒިންމާގެ ދަށުން އެ ކުންފުނިން އަންނަނީ ރަށްރަށުގެ ތަރައްގީއަށް މުހިންމު މިފަދަ މަޝްރޫއުތައް ކުރިއަށްގެންދަމުންނެވެ. ކެނދިކުޅުދޫގައި މި ހުޅުވުނު ޕާކަކީ އަތޮޅުތެރޭގެ ރަށްރަށުގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.









