"ފްރެންޑް 4" ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު މީހުން ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ އޮޕަރޭޝަނުގައި، ވައިގެ މަގުންނާއި ކަނޑުމަގުން ބޮޑު ސަރަހައްދެއް ބަލައިފިއެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި މިހާތަނަށް ވައިގެ މަގުން 6،112 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. އަދި ކަނޑުމަގުން 1،370.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވީ ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު މީހުން ފެނިފައެއް ނުވެއެވެ.
މި ހާދިސާ ހިނގާފައިވަނީ ޖުމްލަ 8 މީހުންނާއެކު ހިލައާއި ހިލަވެލި ބަރުކޮށްގެން "ފްރެންޑް 4" ދޯނި ދަތުރުކުރަމުން ދަނިކޮށެވެ. މި އުޅަނދު އަޑިއަށް ދިޔަ ވަގުތު އޭގައި ތިބި މީހުންގެ ތެރެއިން 5 މީހަކު ވަނީ ހާދިސާ ހިނގި ވަގުތު ސަލާމަތްކުރެވިފައެވެ. އަދި ފަހުން ކުރެވުނު މަސައްކަތުން އިތުރު 2 މީހަކު ފެނި، ޖުމްލަ 7 މީހަކު ވަނީ ސަލާމަތްކުރެވިފައެވެ. ގެއްލިގެން ހޯދަމުންދަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނު ސިފައިންގެ ބޭކަލަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ.
މި އޮޕަރޭޝަނުގައި ކޯސްޓްގާޑުގެ އުޅަނދުފަހަރުގެ އިތުރުން ވައިގެ މަގުން ހޯދުމުގެ މަސައްކަތުގައި ހާއްސަ ވަސީލަތްތައް ދަނީ ބޭނުންކުރަމުންނެވެ.









