ކާބޯތަކެއްޗާއި މުދަލުގެ އަގުތައް ހާމަކަންބޮޑު ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން "އަގުމަގު" ގެ ނަމުގައި ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފިއެވެ.
މި އެޕްލިކޭޝަނަކީ ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުގައި މުދާ ހުރި އަގުތައް ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު ބަލާލެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ތައާރަފުކުރި ވަސީލަތެކެވެ. އިގްތިސާދީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އެޕްގެ ސަބަބުން ވިޔަފާރިކުރުމުގެ ކުރިން އަގުތައް އޮޅުންފިލުވައި، އިގްތިސާދީ ގޮތުން ފައިދާހުރި ނިންމުންތައް ނިންމުމަށް ކޮންމެ ރައްޔިތަކަށްވެސް ފަސޭހަވެގެންދާނެއެވެ.
އަގުމަގު އެޕްލިކޭޝަނުން ލިބޭ މައިގަނޑު ހިދުމަތްތައް:
- އަގުތައް ބަލާލުން: އާންމުކޮށް ގޭބިސީތަކަށް ބޭނުންވާ ކާބޯތަކެއްޗާއި މުދަލުގެ އެންމެ ފަހުގެ އަގުތައް އެއްތަނަކުން ބަލާލެވުން.
- އަގުތަކުގެ ތަފާތު ދެނެގަތުން: މުދަލެއްގެ އެންމެ ހެޔޮ އަގު، މެދު މިންގަނޑުގެ އަގު އަދި އެންމެ ބޮޑު އަގު އެނގުމުގެ އިތުރުން ފާއިތުވި 10 ދުވަހުގެ އަގަށް އައި ބަދަލުތައް ގްރާފްގެ އެހީގައި ފެންނަން ހުރުން.
- ރަށްތައް އަޅާކިޔުން: ދެ ރަށެއްގެ ދެމެދުގައި މުދަލުގެ އަގު ހުރިގޮތް އަޅާކިޔައި، އެންމެ އަގުހެޔޮކޮށް މުދާ ލިބެން ހުރީ ކޮން ރަށަކުންކަން ދެނެގަނެވުން.
- ނޮޓިފިކޭޝަން ލިބުން: ބޭނުންވާ މުދަލެއްގެ އަގު ބޮޑުވުމުން ނުވަތަ ހެޔޮވުމުން، އަދި ހުސްވެފައިވާ މުދަލެއް އަލުން ބާޒާރަށް އައުމުން އެކަން އެޕް މެދުވެރިކޮށް އެނގުން.
- ޝޮޕިންގ ލިސްޓް ހެދުން: ގަންނަން ބޭނުންވާ ތަކެތީގެ ލިސްޓެއް ތައްޔާރުކޮށް، އެ ތަކެތި ގަންނަން ހޭދަވާނެ އެންމެ ކުޑަ އަގު އަންދާޒާކޮށްލެވުން.
މި އެޕްލިކޭޝަނަށް މައުލޫމާތު އެއްކުރަނީ މިނިސްޓްރީގެ އިންސްޕެކްޓަރުން ބާޒާރު ބަލައި ފާސްކޮށްގެންނާއި، އާންމުން ދޭ މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. މީގެ އިތުރުން، މި އެޕް ބޭނުންކުރުމަށް އެއްވެސް އެކައުންޓެއް ހަދާކަށް ނުޖެހެއެވެ. އަދި މިއީ އެއްވެސް އިޝްތިހާރެއް ނުހިމެނޭ، ބޭނުންކުރާ މީހާގެ އަމިއްލަ މައުލޫމާތު ނުނަގާ ގޮތަށް ފަރުމާކޮށްފައިވާ ހިލޭ ލިބޭ އެޕްލިކޭޝަނެކެވެ.
ސަރުކާރުން މަސައްކަތް ކުރަމުންދަނީ ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމަށާއި، ރައްޔިތުންނަށް މުހިންމު މައުލޫމާތުތައް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށެވެ. އަގުމަގު އެޕްލިކޭޝަން މިހާރު ގޫގުލް ޕްލޭ ސްޓޯރާއި އެޕަލް އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ.









