ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ހިންގާފައިވާ ބޮޑެތި ވައްކަންތަކާއި ޚިޔާނާތްތައް ފޮރުވުމުގެ ގޮތުން، ދައުލަތުގެ މާލީ ތަފާސްހިސާބުތައް އާންމުނުކޮށް ހިފަހައްޓާފައިވާ ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ މެންބަރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހުގައި ރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން، ސަރުކާރުގެ ތާއީދު އޮތް އެމްޕީ ޝުޖާއު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ދައުލަތުގެ މާލިއްޔަތުގެ ތަފާސްހިސާބުތައް އާންމުނުކޮށް ހިފަހައްޓާފައި އޮންނަތާ 6 މަސް ދުވަސް ވެފައިވާ ކަމަށެވެ. އަދި ވެރިކަން ބަދަލުވުމުގެ ޓްރާންޒިޝަން މަރުހަލާގައި ސަރުކާރުގެ އެއްވެސް ކުންފުންޏަކުން މާލީ ހިސާބެއް ދޭން ބޭނުންނުވީ ވައްކަން ކޮށްފައި އޮތްލެއް ގިނަކަމުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
"ދިވެހި ދައުލަތުގެ މާލީ ހިސާބުތައް ފެނުނީ 17 ނޮވެމްބަރު 2023 ވަނަ ދުވަހުގެ ރޭ. އެހިސާބުން ފެށިގެން މި ގައުމު އިސްލާހު ކުރުމުގެ މަސައްކަތް ރައީސް މުއިއްޒު ފެއްޓެވީމާ އުޅުނީ އެމަނިކުފާނު އަޒުލު ކުރަން. ވަރަކަށް ކާލެވުނީމަތާ މިވަރު ވާނީ،"
ކުރީ ސަރުކާރުގެ އިސްވެރިންނަށް ފާޑުވިދާޅުވަމުން ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ދައުލަތުގެ ޚަޒާނާ އޮތީ މުޅިން ހުސްކޮށްލާފައެވެ. އަދި ފޮރުވާފައި ހުރި މާލީ ހިސާބުތައް ފެނުމުން، ހަމައެކަނި ޤައުމު ހިންގައިގަންނަންވެސް 300 މިލިއަނަށްވުރެ ގިނަ ޑޮލަރު ބޭނުންވާކަން ސަރުކާރަށް އެނގިގެންދިޔަ ކަމަށް ވިދާޅުވިއެވެ.
ގައުމު ސަލާމަތްކުރަން ރައީސް މުޢިއްޒު ހޮވަންޖެހޭ
ޤައުމުގެ އިގުތިސާދު މިފަދަ ނާޒުކު އަދި ނުރައްކާތެރި ފައްތަރެއްގައި އޮއްވާ، ރައީސް މުޢިއްޒު ކުރެއްވި ހިކުމަތްތެރި މަސައްކަތްޕުޅުން ގައުމު ސަލާމަތްކޮށް، ތަރައްޤީގެ މަގަށް އަޅުއްވާފައިވާކަން ޝުޖާއު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ރައްޔިތުން އަޒުމު އާކޮށް، ކުރިއަށް އއޮތް ރިޔާސީ އިންތިހާބުގައިވެސް ރައީސް މުޢިއްޒު ބޮޑުތަނުން ހޮވަންޖެހޭ ކަމަށް ވިދާޅުވެ ޝުޖާއު ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.









