ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ރާއްޖޭގައި ޖާގައެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، އއ. އުކުޅަހުގައި ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާގައި ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދަކީ ގައުމަށް ހަމަޖެހުން ގެނައުން ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި އޮތް ބަދަލުހިފުމުގެ ރޫހު އެއްކޮށް ނައްތާލައި، ގައުމަށް މަންފާކުރާނެ ވިސްނުން ގެންގުޅުމަކީ މި ސަރުކާރުގެ އެންމެ އިސް ސިޔާސަތު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެންމެ މުހިންމީ ގައުމު އިސްކުރުން ކަމަށާއި، ނަމަވެސް މިއަދުގެ ސިޔާސީ މަސްރަހުން އެ މަންޒަރު ފެންނަމުން ނުދާކަމަށެވެ. ބައެއް ފަރާތްތަކުން ގައުމު އިސްނުކޮށް، އަމިއްލަ މަސްލަހަތު އިސްކޮށް ގައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
"ގައުމު އިސްނުކުރާ މަންޒަރު އަޅުގަނޑުމެންނަށް ފެންނަމުންދަނީ. ގައުމަށް ރަނގަޅުކަމެއް ކުރާކަމުގައި ވަންޏާމު، ރައްޔިތުންނަށް ރަނގަޅުކަންތައް ފޯރުކޮށްދޭނެ ކަމަށްވަންޏާ އެކަންކަމަކީ ހަމަ ރަނގަޅު ކަންތައްތައް. އެކަންކަމަށް އިދިކޮޅު ފަރާތްތަކުން، ސިޔާސީ ފަރާތްތަކުން ޖެހޭނެ އެޔަށް އެއްބާރުލުންދޭން. އެއީ ގައުމު އިސްކުރާނަމަ ކަންތައްތައް އޮންނާނެ ގޮތަކީ. އެހެނެއްނޫން މި ރާއްޖޭގައި މިހާރު ކަންތައްތައް ވަނީ،"
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިކޮށްލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާއިރު، ރައްޔިތުން މާޒީން އިބުރަތް ހާސިލްކުރަން ޖެހޭ ކަމަށެވެ. އަދި ބުއްދީގެ ބޭނުންކޮށްގެން ކަންކަން ވަޒަންކުރަން އެނގޭ ބަޔަކަށް ރައްޔިތުން ވާންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރައްޔިތުން ގައުމީ ވިސްނުމުގައި ކުރިއަށްދާނަމަ، ގައުމު އަނެއްކާވެސް ހަމަނުޖެހުމުގެ ތެރެއަށް ވައްޓައެއް ނުލެވޭނެއެވެ. އަދި ފަނާކުރުމުގެ މަގަށް ޖާގަ ނުލިބި، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެވޭނެ ކަމަށާއި، އިގުތިޞާދު އަނދަވަޅަކަށް ވެއްޓުމުގެ ފުރުސަތު ނުދެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މާޒީގެ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން އަމަލުކުރި ގޮތް ފެންނަން އެބައޮތް ކަމަށެވެ. އަދި މިހާރު ދައްކާ ވާހަކަތަކަކީ އޮށްޓަރެއް ހުރި ވާހަކަތަކެއްތޯ ބަލަންޖެހޭ ކަމަށާއި، ކޮންމެ ދާއިރާއަކުން ބެލިޔަސް ހަގީގަތް ފެންނަން އޮތްއިރު، ސިޔާސީ ލީޑަރުންނަށް އެކަންކަން ދޮގު ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކޮށް، ގައުމު އިސްކުރުމުގެ ސިފަ އަށަގަންނުވައިފިނަމަ، ގައުމުގެ ކަންތައްތައް ހަމަމަގަށް އެޅި، ރައްޔިތުންނަށް އުފާފާގަތި ދުވަސްތަކެއް ލިބޭނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.









