ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ރާޅު އަރައި ދިޔަވެ، މިއަދު އަޑިއަށް ގޮސްފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ޖުމްލަ 8 މީހުންނާއެކު ހިލައާއި ހިލަވެލި ބަރުކޮށްގެން އެ އުޅަނދު ދަތުރުކުރަމުން ދަނިކޮށެވެ. ދޯނި ދިޔަވަމުންދާ ކަމުގެ މައުލޫމާތު ލިބުމާއެކު، އުޅަނދާއި އޭގައި ތިބި މީހުން ސަލާމަތްކުރުމަށް ސިފައިންނާއި ފުލުހުން ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ. ނަމަވެސް، މި މަސައްކަތް ކުރަމުން ދަނިކޮށް ދޯނި ވަނީ އެއްކޮށް އަޑިއަށް ގޮސްފައެވެ.
މި ހާދިސާގައި ދޯނިން ދަތުރުކުރި މީހުންގެ ތެރެއިން 7 މީހަކު މިހާތަނަށް ވަނީ ސަލާމަތްކުރެވިފައެވެ. އެހެންނަމަވެސް، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނު ސިފައިންގެ ބޭކަލަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ވަނީ ގެއްލިފައެވެ.
ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން މިހާރު ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ ބަރުކޮށްފައި ހުރި މުދަލާއެކު ދޯންޏަށް ރާޅު އަރައި ދިޔަވުން ކަމަށް ބެލެވެއެވެ.









