މާލެ ސަރަޙައްދުގެ އާބާދީ އިތުރުވެ، ކަރަންޓުގެ ޚިދުމަތަށް އޮތް ޑިމާންޑް އެއްދުވަހުން އަނެއްދުވަހަށް މަތިވަމުންދާތީ، އެކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ހުޅުމާލެއާއި ގުޅިފަޅުގައި ބޮޑު ދެ އިންޖީނުގެއެއް ތަރައްޤީ ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ. ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، މާލެ ސަރަޙައްދުގެ އާބާދީ އިތުރުވަމުންދާއިރު މިހާރުން މިހާރަށްވެސް ކަރަންޓުގެ ނިޒާމަށް ގެންނަންޖެހޭ ބޮޑެތި އަޕްގްރޭޑްތަކެއް ހުރި ކަމަށެވެ.

މި ގޮތުން ގެންނަ އެންމެ މުހިންމު އެއް ބަދަލެއްގެ ގޮތުން، ހުޅުމާލޭގައި 70 މެގަވޮޓުގެ އިންޖީނުގެއެއް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށުމަށް އެ ކުންފުނިން ދަނީ ބާރުސްޕީޑްގައި މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، ދުރުރާސްތާގެ ދެމެހެއްޓެނިވި ޕްލޭނެއްގެ ދަށުން ގުޅިފަޅުގައި 200 މެގަވޮޓުގެ ބޮޑު އިންޖީނުގެއެއް ތަރައްޤީ ކުރުމަށްވެސް ސްޓެލްކޯއިން ވަނީ ނިންމާފައެވެ.

ސްޓެލްކޯއިން ފާހަގަކުރި ގޮތުގައި، ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތަކާއެކު މާލެ ސަރަޙައްދުގެ އާބާދީއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، އެންމެ ފުރަތަމަ ޑިމާންޑު އިތުރުވާ އަސާސީ އެއް ޚިދުމަތަކީ ކަރަންޓެވެ. އެހެންކަމުން، ސެޕްޓެމްބަރު މަހު ފަށާ ހުޅުމާލޭގެ މަޝްރޫޢާއި ގުޅިފަޅުގެ އާ އިންޖީނުގެއާއެކު، އިތުރުވަމުންދާ އާބާދީއަށް އެއްވެސް މެދުކެނޑުމެއް ނެތް ފެންވަރު ރަނގަޅު ކަރަންޓުގެ ޚިދުމަތެއް ކުރިއަށް އޮތް އަހަރުތަކުގައި ކަށަވަރުވެގެންދާނެއެވެ.