ޣައްޒާ ސިޓީގައި ފަލަސްޠީނުގެ ތާރީޚުގައިވެސް ބޭއްވި އެންމެ ބޮޑު އަދި އެންމެ ހިތްދަތި އެއް ޖަނާޒާ މިއަދު ބާއްވައިފިއެވެ.
މި ޖަނާޒާގައި ބައިވެރިވުމަށް ޣައްޒާގެ އެތައްހާސް ބަޔަކު ޖަމާވެފައިވާއިރު، ފަލަސްޠީނުގެ ދިދައިން ނިވާކޮށްފައިވާ 112 ޝަހީދުންގެ ހަށިގަނޑު ވަނީ ވަޅުލާފައެވެ. މިއީ މީގެ ގާތްގަނޑަކަށް ތިން އަހަރު ކުރިން، 22 ނޮވެމްބަރު 2023 ގައި އިސްރާއީލުން ޣައްޒާ ސިޓީގެ ސަބްރާ އަވަށަށް ދިން ރަހުމްކުޑަ ބޮންއެޅުމެއްގައި ސުންނާފަތިވި ބްލޮކެއްގެ ދަށުން ފެނުނު ހަށިތަކެކެވެ.
މި ހަށިތައް ފެނިފައިވވަނީ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދަށް ނުވަދެވި ގިނަ ދުވަސްތަކެއް ވުމަށްފަހު، ރެސްކިއު ޓީމުތަކުން 136 ގަޑިއިރު ވަންދެން އަތުން ކޮނެގެން ކުރި ބުރަ މަސައްކަތުންނެވެ. މިއަދު ވަޅުލި އެންމެންނަކީ ޣައްޒާގެ ބޮޑު ދެއާއިލާއެއް ކަމަށްވާ އަލް-ޙަސަޔަނާ އަދި އަބޫ ޝަރީއާ އާއިލާގެ މެންބަރުންނެވެ. ޣައްޒާގެ ސިވިލް ޑިފެންސުން ހާމަކޮށްފައިވާ ގޮތުގައި މިއަދު ވަޅުލި މީހުންގެ ތެރޭގައި 40 ކުޑަކުދިންނާއި، 38 އަންހެނުން އަދި ޚާއްޞަ އެހީއަށް ބޭނުންވާ 7 މީހުން ހިމެނެއެވެ.
މި ހިތާމަވެރި ހާދިސާ ހިނގި ސައިޓުން އެކަނިވެސް ޖުމްލަ 308 މީހުން ޝަހީދުވެ ނުވަތަ ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސްގެ އެހީތެރިކަމާއެކު ކުރިއަށްދާ މި އޮޕަރޭޝަނުގައި، އިމާރާތްތަކުގެ ކޮންކްރީޓާއި ދަގަނޑުތަކުގެ ތެރޭގައި ތާށިވެ، ހަށިގަނޑުތައް ހަލާކުވެފައިވުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ރެސްކިއު ޓީމުތަކުން ބުނާ ގޮތުގައި އެ ސަރަހައްދުގެ ދަށުގައި އަދިވެސް 157 މީހުންގެ ހަށިގަނޑު ނުނެގި ތާށިވެފައި އެބަހުއްޓެވެ.









