ތަކެތީގެ އަގުބޮޑުވުމާއި ރައްޔިތުންނަށް ދިމާވާ ދަތިތަކާ ގުޅުވައިގެން އިދިކޮޅު އެމްޑީޕީން މުޒާހަރާ ކުރަން ނިންމާފައި ވަނިކޮށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކަމަށް ހޫނު ރައްދެއް ދެއްވައިފިއެވެ. މީސްމީޑިއާ މެދުވެރިކޮށް ދެއްވި ޚާއްޞަ މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ، އޮގަސްޓް 12 އަދި 13 އަކީ އަބަދުވެސް އިދިކޮޅު ފަރާތްތަކަށް ސިޔާސީ ގޮތުން ހަލަބޮލިކަން އުފައްދަން "ޓްރިގަރ" ވާ ދެ ތާރީޚު ކަމަށެވެ. އަދި އެމްޑީޕީގެ ހަގީގީ މަގްސަދަކީ އާންމުންގެ ތެރޭގައި ހަމަނުޖެހުން އުފައްދައި، މީހުންނަށް އޮޅުވާލުމުގެ ނިޔަތުގައި ގަސްދުގައި ތަކެތީގެ އަގުތަކާ ގުޅޭގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަ ފެތުރުން ކަމަށް ސައީދު ތުހުމަތު ކުރެއްވިއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، ޖެނެރަލައިޒްކޮށް ސަބްޖެކްޓިވް ވާހަކަތަކެއް ދައްކައިގެން ރާއްޖޭގެ އާންމުންގެ ތެރޭގައި މާކެޓް މެނިޕިއުލޭޓް ކުރުމަށް ނުވަތަ ބާޒާރު ގަޑުބަޑުކޮށްގެން ސިޔާސީ މަގްސަދެއް ހާސިލްކުރަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ބައިނަލްއަޤްވާމީ ބާޒާރުގައި ހިނގާ ކަންކަމަށް ރިއާޔަތް ކުރައްވަމުން އޭނާ ފާހަގަކުރެއްވީ، ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ތެލާއި ކުޑަކުދިންގެ ކިރު ފަދަ ޒަރޫރީ މުދަލުގެ އަގުތައް ސަރުކާރުން ހިފަހައްޓާފައިވާ ކަމަށެވެ. އެމްޑީޕީން އަބަދުވެސް ބޭނުންވަނީ ރައްޔިތުންނަށް "ލަނޑު ދިނުން" ކަމަށާއި، މި ސަރުކާރުން އިގްސާދު ރަނގަޅުކުރަން ކުރާ އެއްވެސް މަސައްކަތެއް އެ ޕާޓީން ބަލައިނުގަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، އެމްޑީޕީގެ ވެރިކަމުގައި ދިވެހި ފައިސާގެ އަގު ވެއްޓި، ރާއްޖޭގެ ދަރަނި އިންތިހާއަށް އިތުރުވެފައި ވަނިކޮށް، އޭގެ ތެރެއިން ގިނަ ދަރަނިތައް ދައްކައި ބޭރުގެ މާލީ އިދާރާތަކުގެ އިތުބާރު ހޯދީވެސް މި ސަރުކާރުން ކަމަށް ސައީދު ވިދާޅުވިއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު މީސްމީޑިއާގައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ވޯލްޑް ބޭންކް ފަދަ ޖަމްޢިއްޔާތަކުން ރާއްޖޭގެ މާލީ އިޞްލާޙުތަކަށް ތައުރީފު ކުރަމުންދާ ދަނޑިވަޅެއްގައި، އިދިކޮޅުން މަސައްކަތް ކުރަނީ ސިޔާސީ މަންފާއެއް ހޯދުމަށް ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށެވެ.








