އެމެރިކާ އާއި އީރާނާ ދެމެދު އޮތް ގުޅުން އިންތިހާއަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި، މެދުއިރުމަތީގެ އެންމެ މުހިންމު ކަނޑުގެ ވިޔަފާރި މަގު ކަމަށްވާ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރެއް އީރާނުން ދީފިއެވެ.
އީރާނުގެ އަސްކަރިއްޔާއިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ އެއްވެސް މަނަވަރަކުން އީރާނުން ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ ރޫޓުން ބޭރުވެ، ދަތުރުކުރާ މަގު ބަދަލުކުރަން އުޅެފިނަމަ ވަގުތުން ހަމަލާދޭނެ ކަމަށެވެ. މިއީ
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވި ގޮތުގައި، އެމެރިކާއިން ހިންގަމުންދާ އުދުވާނީ އަމަލުތައް މުޅިން ހުއްޓާނުލާހާ ހިނދަކު ހުރްމުޒް ކަނޑުއޮޅި އޮންނާނީ ބަންދުކޮށްފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއީ އީރާނަށް ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރަން ލިބޭ ފަހު ފުރުސަތު ކަމަށް ވިދާޅުވެ، ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުންދާއިރު، އީރާނުން ވަނީ އެމެރިކާއާއެކު އެއްވެސް ކަހަލަ ސީދާ މަޝްވަރާއެއް ކުރުމަށް އިންކާރުކޮށްފައެވެ.
އީރާނުގެ ސަރުކާރުން ބުނަމުންދަނީ ބޭރުގެ ބާރުތަކުން ކުރިމަތިކުރާ ބިރުދެއްކުންތަކަށް އެގައުމުން ކުޑަކޮށްވެސް ބޯނުލަނބާނެ ކަމަށެވެ.
މި ކުރިމަތިލުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތައް އިންތިހާއަށް އުފުލި، ދުނިޔޭގެ އިގްތިސާދަށާއި ވިޔަފާރި ދަތުރުފަތުރަށް ވަނީ ބޮޑެތި ބުރޫތަކެއް އަރަން ފަށާފައެވެ.
ހުރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގައި ބޭނުންކުރާ ސާފުނުކުރާ ތެލުގެ ބޮޑު ބައެއް ދަތުރުކުރާ މައިގަނޑު މަގަށް ވުމާއެކު، މި މަސްރަހު އިތުރަށް ގޯސްވެއްޖެނަމަ މުޅި މެދުއިރުމަތީގެ ސަރަހައްދީ ހަމަޖެހުން ގެއްލި، ބޮޑު ހަނގުރާމައަކަށް މަގުފަހިވެދާނެތީ ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅުކޮށް، މަޝްވަރާ އަށް ގޮވާލަމުންނެވެ. މިވަގުތުވެސް އޮމާނުން ގެންދަނީ މަސްރަހު ފިނިވޭތޯ އީރާނާއި އެމެރިކާ އާއި ދެމެދު ނުސޯދާ މަޝްވަރާތައް ކުރަމުންނެވެ.









