ކ. ގާފަރު ކައިރިން މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ ބިދޭސީން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ހުއްޓުމެއް ނެތި ކުރިއަށްގެންދާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ދެ މީހުން ހޯދުމަށްޓަކައި ކަނޑާއި، ވައިގެ މަގުންނާއި އަދި ކަނޑުގެ އަޑީގެ ބޮޑު ސަރަހައްދެއް މިހާތަނަށް ވަނީ ބަލާފައެވެ. މިގޮތުން، އެމްއެންޑީއެފް އެއަރ ކޯރގެ ޔޫއޭވީ ބޭނުންކޮށްގެން ވައިގެ މަގުން 3580 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ބަލާފައިވެއެވެ.
މީގެ އިތުރުން، ކަނޑުގެ ސަތަހަ ބެލުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް 'ޢިމާދުއްދީން' އާއި ފާސްޓް އިންޓަސެޕްޓަރ ކްރާފްޓްތައް ބޭނުންކޮށްގެން 441 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާ ފާސްކޮށްފައެވެ. އަދި ކޯސްޓްގާޑުގެ ހާއްސަ ޑައިވަރުން ވަނީ ކަނޑުގެ އަޑިން 675,120 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު އެއްވެސް މަސައްކަތަކުން މި ދެ މީހުން ފެނިފައެއް ނުވެއެވެ.
އެމްއެންޑީއެފުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުންނާއި، ކައިރި ރަށްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. މި ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފުން އެދެއެވެ. މީގެ އިތުރުން 3391665 ނަންބަރަށް ފެކްސް މެދުވެރިކޮށް ވެސް މައުލޫމާތު ހިއްސާކުރެވޭނެއެވެ.
މި ހާދިސާ ހިނގި ދުވަހުން ފެށިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ މި އޮޕަރޭޝަން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ބާރުއަޅަމުންނެވެ.









