ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަކުރާ މިންވަރު ކަށަވަރުކޮށް، ރައްޔިތުންނަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ރައްކާތެރިކޮށްދޭ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ. މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި ހިނގާ އޮގަސްޓް މަހުގެ 16 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ މިހާރު އެ މަގާމުގައި ހުންނެވި އަހުމަދު އާހިދު ރަޝީދުގެ 5 އަހަރުގެ ދައުރު ހަމަވާތީއެވެ.
ރައީސް އޮފީހުގެ އިއުލާނުގައިވާ ގޮތުން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި
- ކުރިމަތިލާ މީހަކީ އުމުރުން 35 އަހަރު ފުރިފައިވާ ދިވެއްސަކަށް ވާންޖެހޭނެއެވެ.
- ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއެކު، މަދުވެގެން 7 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާންޖެހެއެވެ.
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް ވެގެންނުވާނެ ކަމަށާއި،
- ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނުވަތަ ސިޔާސީ ގޮތުން ހަރަކާތްތެރިވާ މީހަކަށް ވެސް ވެގެންނުވާނެއެވެ.
އިންފޮމޭޝަން ކޮމިޝަނަރަކީ "މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު" ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ނަންތަކަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީގެން އައްޔަންކުރާ މިނިވަން މަގާމެކެވެ. މަޖިލީހުން ކަނޑައަޅާފައިވާ ގޮތުން މި މަގާމުގެ އަސާސީ މުސާރައަކީ 35،000 ރުފިޔާއެވެ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު، ޖުމްލަ މުސާރައިގެ ގޮތުގައި މަހަކު 50،000 ރުފިޔާ ލިބޭނެއެވެ. މި މަގާމަށް ކުރިމަތިލާން ބޭނުންވާ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.








