އީރާނާއި އެމެރިކާ އާއި ދެމެދު ހުއްޓިފައިވާ މަޝްވަރާތައް މިއަދު އަލުން ފަށާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. މިއީ ހަނގުރާމައިގެ މަސްރަހު ފިނިކޮށް ސުލްހައިގެ އެއްބަސްވުމަކަށް ވާސިލުވުމަށް ލިބުނު ފުރުސަތެއް ކަމަށް ޓްރަމްޕް ވިދާޅުވެއެވެ.
އެމެރިކާ އިން މަޝްވަރާތައް މި ފަށަނީ ހިންގަން އުޅުނު "ބޮޑު ހަމަލާއެއް" ފަހަތަށް ޖައްސާލުމަށް ފަހު ކަމަށްވެސް ޓްރަމްޕް ހާމަކުރެއްވިއެވެ. އެއީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަދި މެދުއިރުމަތީގެ އެހެން އެކުވެރި ގައުމުތަކުން އެދިގެން ނިންމެވި ނިންމެވުމެއް ކަމަށް ވެސް ޓްރަމްޕް ހާމަކުރެއްވިއެވެ.
މި މަޝްވަރާތަކުގެ މައިގަނޑު މަގްސަދަކީ ހުރމުޒް ކަނޑުއޮޅި އަލުން މުޅިން ހުޅުވާލުމާއި، އީރާނުގެ ނިއުކްލިއާ ގާބިލިއްޔަތާ ބެހޭގޮތުން އަވަސް އެއްބަސްވުމަކަށް އައުން ކަމަށް އެމެރިކާއިން ފާހަގަކުރެ އެވެ. ހަމައެއާއެކު، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވީ، އޮމާން މެދުވެރިކޮށް ކަނޑުއޮޅީގެ މައްސަލައިގައި ކުރެވޭ މަޝްވަރާތައް މިހާރު ވަނީ އެންމެ ފަހު މަރުހަލާގަ އެވެ.
ނަމަވެސް، އީރާނުގެ ރަސްމީ މީޑިއާތަކުން ބުނަމުންދަނީ އެމެރިކާގެ ކިބައިން ހަމަލާ ފަސްކުރުމަށް ތެހެރާނުން އެދިފައިނުވާނެ ކަމަށާއި، ޓްރަމްޕްގެ ވާހަކަތަކަކީ ނަފްސާނީ ހަނގުރާމައެއްގެ ބައެއް ކަމަށެވެ. އަދި އެމެރިކާގެ ފިއްތުންތަކާއި ދަތިކުރުމުގެ ފިޔަވަޅުތައް ހުއްޓާނުލާހާ ހިނދަކު ހުރްމުޒް ކަނޑުއޮޅި ހުޅުވުން "މުސްތަހީލު" ކަމަށް އީރާނުގެ އިސްވެރިން ބުނެ އެވެ.









