ކުވެއިތުގައި ހުންނަ އެމެރިކާގެ ސިފައިން ބޭނުންކުރާ އަޙްމަދު އަލް-ޖާބިރު އެއާބޭހަށް އަމާޒުކޮށް، ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯންތަކުން ވަރުގަދަ ޙަމަލާތަކެއް އީރާނުން ދީފި ކަމަށް ތެހެރާނުން ބުނެފިއެވެ. އީރާނުގެ އަސްކަރިއްޔާއިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނީ، މި ޙަމަލާގައި އެއާބޭހުގައި ހުރި އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ބަހައްޓާ ހޭންގަރުތަކަށާއި، ސެޓެލައިޓް މުވާޞަލާތީ ނިޒާމުތަކުގެ އިތުރުން އަސްކަރީ ކޮމާންޑް ސެންޓަރުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ.
މި އެއާބޭހަކީ މެދުއިރުމަތީގައި އެމެރިކާގެ ވައިގެ ސާވޭލަންސް އަދި ލޮޖިސްޓިކްސް އޮޕަރޭޝަންތައް ހިންގާ އެންމެ މުހިންމު އެއް މަރުކަޒެވެ.
މި ޙަމަލާއަކީ އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ދެކުނުގެ ޞަރަޙައްދުތަކަށް ދެމުންދާ ޙަމަލާތަކުގެ ބަދަލުހިފުމެއްގެ ގޮތުން ދިން ޙަމަލާއެއް ކަމަށް އީރާނުން ބުނެއެވެ. ޚާއްޞަކޮށް، އީރާނުގެ ޤިޝްމް އައިލެންޑްގައި ހުންނަ އާންމުން ދިރިއުޅޭ ގެއަކަށް އެމެރިކާއިން ދިން ނުރައްކާތެރި ޙަމަލާގައި އާންމުންގެ ބަޔަކު މަރުވުމާ ގުޅިގެން، އެކަމުގެ ރައްދުގައި ދިން ބަދަލުހިފުމުގެ ޙަމަލާއެއްގެ ގޮތުގައި އީރާނުން މި ޙަމަލާ ސިފަކުރެއެވެ.








