މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫއާ ގުޅޭގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އާއި ސަރުކާރުގެ ކަމާގުޅުންހުރި ސްޓޭކްހޯލްޑަރުންގެ މެދުގައި މިއަދު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ސްޓޭކްހޯލްޑަރުންނާ ހިއްސާކުރުމެވެ. މީގެ އިތުރުން، މި ބަދަލު ގެނައުމުގައި ދިމާވެދާނެ ގޮންޖެހުންތަކާއި، މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާނެ ކަންކަމާ ގުޅޭގޮތުން އެ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ މި ބައްދަލުވުމުގައި ވަނީ ހޯދާފައެވެ.
މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ހާއްސަ މެސެޖުގައި ވިދާޅުވެފައިވަނީ، އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހާ ހަމައަށް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރެވިގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ސަރުކާރުން ގެނެސްދޭ "ނެޝަނަލް ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލެއާއި ތިލަފުއްޓާ ދެމެދު ބްރިޖަކުން ގުޅާލެވުނު ކަމުގައިވިޔަސް، މުދާ އުފުލުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ފެރީ ނިޒާމެއްގެ ތެރެއިން ކޮންޓެއިނާ އުފުލާ "ރޯރޯ ފެރީ" ތައް ދަތުރުކުރާނެ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު 11 އަށް ޕޯޓުގެ ހުރިހާ އޮޕަރޭޝަންތަކެއް ތިލަފުއްޓަށް ބަދަލުކޮށް ނިންމުމެވެ. މި މަޝްރޫއު ނިމުމުން މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބި، ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުވިވެގެންދާނެއެވެ.









