ސަރުކާރުން ފެއްޓެވި ހަރުދަނާ ފިޔަވަޅުތަކާއެކު ދިވެހިރާއްޖޭގައި ގޭންގު ކުށްތައް މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޕަބްލިކް ސާވިސް މީޑިއާ, ޕީއެސްއެމް ގެ "ނޭޝަން ޗެޓް" ޕްރޮގްރާމްގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ޝަރުއީ ދާއިރާގެ މަސައްކަތްތައް ހަރުދަނާވުމުގެ ނަތީޖާއެއްގެ ގޮތުން ގޭންގުތަކުން ހިންގާ ކުށްތަކާއި މާރާމާރީތައް ތަފާސްހިސާބުތަކުން ބަލާއިރު މަދުވަމުންދާކަން ސާފުކޮށް ފާހަގަކުރެވޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، މަސްތުވާތަކެތީގެ ވަބާއަކީ ރާއްޖޭގައި 30 އަހަރަށްވުރެ ގިނަދުވަސްވީ ބޮޑު މައްސަލައެކެވެ. ވޭތުވެދިޔަ ސަރުކާރުތަކުން މިކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް އެދެވޭ ނަތީޖާއެއް ހާސިލުކުރެވިފައި ނުވާކަމަށާއި، ނަމަވެސް މި ސަރުކާރުން މިހާރު ފަށާފައިވާ ހަރުދަނާ މަސައްކަތްތަކުގެ ނަތީޖާ ފެންނާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ. އެގޮތުން، މަސްތުވާތަކެތި އެތެރެކުރުމާއި އޭގެ ވިޔަފާރިކުރުން ހުއްޓުވުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް، ތަންފީޒީ އިޖުރާއަތްތައް ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ޒުވާނުންނަށް އަދަބުދިނުމުގެ ބަދަލުގައި، އެކުދިން އެ ވަބާއިން ސަލާމަތްކޮށް ބިނާކުރަނިވި ބަޔަކަށް ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް އެކަމުން ސަލާމަތްކޮށް، އަލުން މުޖުތަމައަށް ނެރުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރިހެބިލިޓޭޝަން ފަރުވާދޭ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ. ރައީސް ވިދާޅުވީ މިހާރު އެއްފަހަރާ ކުރެވެމުންދާ ގިނަ މަސައްކަތްތައް މުޅިން ނިމުމުން، މިއަށްވުރެ މާ އެދެވޭ ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށާއި، މިކަމުގައި ރައްޔިތުންނާއި، މަދަނީ ޖަމިއްޔާތަކާއި، ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން ޝަރުއީ ދާއިރާގެ އެއްބާރުލުން ފުރިހަމައަށް ލިބެމުންދާ ކަމަށެވެ.