ރާއްޖޭގެ ފަޅުތަކާއި ފަޅުރަށްތައް އެކި ބޭނުންތަކަށް ދޫކުރުމުގެ މުޅި ނިޒާމު އިސްލާހުކޮށް، ޒަމާނީ އިގްތިސާދީ މޮޑެތި މަޝްރޫއުތަކަށް މަގުފަހިކުރުމުގެ މަގްސަދުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އައު ބިލެއް ހުށަހަޅައިފިއެވެ. ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި "ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލު" ގެ ދަށުން، މިހާރު އަމަލުކުރަމުންދާ ފަޅުރަށްރަށާބެހޭ ބާ ޤާނޫނު އުވާލުމަށް ވަނީ ނިންމާފައެވެ. މި ބިލުގައިވާ ގޮތުން، ރާއްޖޭގެ ފަޅުތަކާއި ފަޅުރަށްތައް ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި އަދި ސިނާއީ އެކި ބޭނުންތަކަށް އެކަށައެޅުއްވުމުގެ އެންމެ ފަހުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

މި ބިލުގެ ދަށުން ގެންނަ އެންމެ ބޮޑު އެއް ބަދަލަކީ ފަޅުރަށްތަކުގެ އިތުރުން ރާއްޖޭގެ "ފަޅުތައް" ކުއްޔަށް ދޫކުރުމުގެ ހަރުދަނާ އުސޫލުތަކެއް އަލަށް ތައާރަފްކުރުމެވެ. އެގޮތުން ފަޅުތައް ކުއްޔަށް ދޫކުރެވޭނީ ލާޖް އަދި މީޑިއަމް ސްކޭލްގެ ސިނާއީ މަސައްކަތްތަކަށާއި، މަދުވެގެން އެއް މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ހިމެނޭ އެކުއަކަލްޗަރ ފަދަ ބޮޑެތި އިގްތިސާދީ މަޝްރޫޢުތަކަށެވެ. މީގެ އިތުރުން، ފަތުރުވެރިކަމާއި ސިނާއީ ބޭނުންތަކަށް ނަގާ ރަށްތައް ފިޔަވައި، ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ އެހެން ހުރިހާ ފަޅުރަށްތަކެއް ކުއްޔަށްދީ ވަރުވާއަށް ދޫކުރުމުގެ ބާރު މި ބިލުން ލޯކަލް ކައުންސިލްތަކަށް ވަނީ ފަހިކޮށްދީފައެވެ.

މާލީ ގޮތުންނާއި މުއްދަތުގެ ގޮތުން ގެންނަ ބަދަލުތަކަށް ބަލާއިރު، އިގްތިސާދީ ބޭނުންތަކަށް ފަޅުރަށެއް އެންމެ ފުރަތަމަ ކުއްޔަށް ދޫކުރެވޭނީ 21 އަހަރުގެ މުއްދަތަށެވެ. ނަމަވެސް އިންވެސްޓްމަންޓްގެ ކާމިޔާބީއަށް ބަލައި ޖުމްލަ މުއްދަތު 50 އަހަރަށްވުރެ އިތުރުނުވާގޮތަށް ދޭން ފުރުސަތު އޮވެއެވެ. ވަކި ބޭނުމަކަށް ކަނޑައަޅާފައި ނުވާ ރަށްތައް ވަރުވާއަށް ދޫކުރެވޭނީ ގިނަވެގެން 5 އަހަރަށެވެ. މި ބިލު ގާނޫނަކަށްވާއިރު ކުރީގެ އެއްބަސްވުންތައް ސައްހަވާނެއެވެ. ނަމަވެސް ކުއްޔާއި ވަރުވާ ދެއްކުމުގެ އުސޫލު ފިޔަވައި، އައު ގާނޫނުގެ ދަށުން ކަނޑައަޅާ ބޮޑެތި ޖޫރިމަނާތަކާއި (ވަރުވާއަށް 5 ލައްކަ އަދި ކުއްޔަށް 1 މިލިއަން ރުފިޔާ) އެހެނިހެން ހުރިހާ ފިޔަވަޅުތަކެއް ކުރީގެ އެއްބަސްވުންތަކަށްވެސް ހިނގާނެއެވެ.