އީރާނުގެ ދެކުނުގައި އޮންނަ ބޫޝެހްރު ޕްރޮވިންސަށް އެމެރިކާގެ އަސްކަރިއްޔާއިން ދީފައިވާ މިސައިލް ހަމަލާތަކުގެ ސަބަބުން، އެ ސަރަހައްދުގެ މައި އެއާޕޯޓުގެ ހުރިހާ އޮޕަރޭޝަންތަކެއް މުޅިން ހުއްޓި، އެއާޕޯޓު ބަންދުކޮށްފިއެވެ. އީރާނު ސަރުކާރުގެ ތަރުޖަމާނު ފާތިމާ މުހާޖިރާނީ މިއަދު ބޫޝެހްރު އެއާޕޯޓަށް ކުރެއްވި ޒިޔާރަތަށްފަހު ހާމަކުރެއްވި ގޮތުގައި، މި މަހުގެ ކުރީކޮޅުން ފެށިގެން ދެމުންދިޔަ ވައިގެ ހަމަލާތަކުގައި އެއާޕޯޓުގެ ރަންވޭއަށާއި ޓާމިނަލްތަކަށް ވަނީ ބޭނުންނުކުރެވޭ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މި ހަމަލާތަކާ ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، މިހާރު ހިނގަމުންދާ ކުރިމަތިލުންތަކުގައި އާންމުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަދަނީ ވާޖިބު އަދާކުރަމުންދިޔަ 350 އަށްވުރެ ގިނަ ސަރުކާރުގެ މުވައްޒަފުން ވަނީ މިހާތަނަށް އެކި ދުވަސްމަތިން މަރުވެފައެވެ. މި މުވައްޒަފުންނަކީ ހަނގުރާމައިގެ ނުރައްކާތެރި ހާލަތުގައިވެސް ގައުމީ އަދި އިންސާނީ ޚިދުމަތުގައި ދެމިތިބި ބައެއްކަން އީރާނުގެ ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

ބޫޝެހްރު އެއާޕޯޓަކީ އެ ސަރަހައްދުގައި އޮންނަ އީރާނުގެ މައި ނިއުކްލިއާ ޕްލާންޓާވެސް އެންމެ ކައިރިއަށް އޮންނަ މުހިންމު އެއާޕޯޓަށް ވުމާއެކު، މި ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގެ ދަތުރުފަތުރަށާއި މުދާ އުފުލުމަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފައެވެ. އީރާނު ސަރުކާރުން ބުނާގޮތުގައި އެއާޕޯޓުގެ ޚިދުމަތްތައް އަލުން ފެށޭނީ ސަރަހައްދުގެ މަސްރަހު ފިނިވެ، ހަލާކުވެފައިވާ އިންފްރާސްޓްރަކްޗާ މަރާމާތުކޮށް ނިމުމުންނެވެ.