އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގެ ހައްޔަރު ކުރުމުގެ އަމުރާއި ގުޅިގެން ނަތަންޔާހޫ ހައްޔަރުކުރާނެ ކަމަށް ވިދާޅުވެ ނިއުޔޯކް ސިޓީގެ މޭޔަރު ޒަޚްރާން މަމްދާނީ ދެއްކެވި ވާހަކަތަކަށް އަޅާނުލާ، އަންނަ ސެޕްޓެމްބަރު މަހު އޮންނަ އދ. ގެ އާންމު މަޖިލީހަށް ވަޑައިގަންނަވާނެ ކަމަށް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
މޭޔަރު މަމްދާނީ ވަނީ ނަތަންޔާހޫ އަކީ "ހަނގުރާމައިގެ ކުށްވެރިއެއް" ކަމަށް ވިދާޅުވެ، އޭނާއަށް ނިއުޔޯކުން މަރުހަބާ ނުކިޔާނެ ކަމަށް ވިދާޅުވެފައެވެ. އަދި އައިސީސީގެ އަމުރާއި އެއްގޮތަށް ނަތަންޔާހޫ ހައްޔަރުކުރުމަށް އެމެރިކާ ސަރުކާރަށް މަމްދާނީ ގޮވާލެއްވިއެވެ.
މިކަމާއި ގުޅިގެން ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ބުނީ އޭނާ އެކަމާ "ކަންބޮޑުނުވާ" ކަމަށެވެ. އަދި އދ. ގެ މިންބަރުގައި އިސްރާއީލުގެ ދިފާއުގައި ވާހަކަދެއްކުމަށް ނިއުޔޯކަށް ދާނެ ކަމަށް ވެސް ބުންޏެވެ. މީގެ އިތުރުން، މޭޔަރު މަމްދާނީ ދައްކަވަނީ ދޮގު ވާހަކަތަކެއް ކަމަށާއި އޭނާ މަސައްކަތް ކުރަނީ ނިއުޔޯކް މީހުންގެ މެދުގައި ނަފުރަތު އުފައްދަން ކަމަށް ނަތަންޔާހޫ ތުހުމަތުކުރިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ނަތަންޔާހޫ އެމެރިކާގައި ހުންނަ އިރު ހައްޔަރު ނުކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ. މިކަމާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން މޭޔަރު މަމްދާނީ ވިދާޅުވީ، ނަތަންޔާހޫ އާއި އެކު ބަހުގެ ހަމަލާތަކެއް ބަދަލުކުރަން ބޭނުން ނުވާ ކަމަށެވެ.









