އެމް.އެން.ޑީ.އެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމް.އާރް.ސީ.ސީ) ގެ އާ އިމާރާތް މިއަދު ހެނދުނު ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.
ވިލިމާލޭގައި ބޭއްވުނު މި ހާއްސަ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ދެންނެވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް އަލްފާޟިލް ހަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ. މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ ޝަރަފުގައި ރިޔާސީ ކޯލެއް އަރުވާފައިވެއެވެ.
އެމް.އާރް.ސީ.ސީގެ އާ އިމާރާތަކީ ދިވެހި ސަރުކާރުގެ ހަރަދުގައި ބިނާކޮށްފައިވާ ތަނެކެވެ. މި މަޝްރޫއުގެ ކޯޑިނޭޓިންގ ޕާޓްނަރެއްގެ ގޮތުގައި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) ހަރަކާތްތެރިވިއިރު، ސެންޓަރުގައި ބޭނުންކުރާ އިކުއިޕްމަންޓްތަކާއި އޮޕަރޭޝަނަލް ސިސްޓަމްތައް ގާއިމުކުރުމުގައި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަން ލިބިފައިވެއެވެ. މި ސެންޓަރަކީ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދުގައި ހިނގާ ހާދިސާތަކުގައި ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ވިލަރެސްކުރާ ގައުމީ މަރުކަޒެވެ.
މި އިމާރާތުގެ މަސައްކަތް 2022 ވަނަ އަހަރު ފެށި ނަމަވެސް، އެކި ސަބަބުތަކާ ހުރެ މަޝްރޫއު ނިންމުން ވަނީ ލަސްވެފައެވެ. ނަމަވެސް، ދިވެހި ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ރައީސް ޑރ. މުއިއްޒު ވަނީ މި މަޝްރޫއު އަވަހަށް ނިންމުމަށް އިސްކަންދެއްވާފައެވެ.
އިމާރާތް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެ ތަނުގެ ވަސީލަތްތައް ބައްލަވާލައްވާފައެވެ. މި އާ އިމާރާތުގައި ކަނޑާއި ވައިގެ ހާދިސާތައް ވިލަރެސްކުރާނެ ޒަމާނީ އޮޕަރޭޝަންސް ރޫމަކާއި، ތަމްރީނުތަކަށް ބޭނުންވާނެ ކްލާސްރޫމްތަކާއި އޮޑިޓޯރިއަމެއް ހިމެނެއެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ހާއްސަ ދުއާއެއް ކުރުން އޮތްއިރު، ރަސްމިއްޔާތު ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސަރަޙައްދުގައި ގަހެއް އިންދަވާފައެވެ.
މި ރަސްމިއްޔާތުގައި ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއާއި، ޔޫ.އެން ރެސިޑެންޓް ކޯޑިނޭޓަރު މިސްޓަރ ހާއޯ ޖަންގްގެ އިތުރުން ޑިޕްލޮމެޓިކް ކޯގެ ބޭފުޅުންނާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އިސް ބޭފުޅުން އަދި އެމް.އެން.ޑީ.އެފްގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.









