ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން، ކާބޯތަކެތި އިންސްޕެކްޓްކުރާ އޮފިޝަލުން އަމަލުކުރަންޖެހޭ އުސޫލުތަކާއި އެފަރާތްތަކަށް ލިބިގެންވާ ބާރުތައް ބަޔާންކުރާ "ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ ގަވާއިދު" މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ގެޒެޓްކޮށްފިއެވެ.
ގާނޫނު ނަންބަރު 6/2024 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު) ގެ ދަށުން އެކުލަވައިލި މި ގަވާއިދަކީ (2024/R-65) އެމް.އެފް.ޑީ.އޭ އާއި ސަރުކާރުގެ އެހެން އިދާރާތަކުން ކާބޯތަކެތި އިންސްޕެކްޓް ކުރުމަށް ކަނޑައަޅާ އޮފިޝަލުންގެ މައްޗަށް ހިނގާނެ ގަވާއިދެކެވެ.
މި ގަވާއިދުގެ ދަށުން އިންސްޕެކްޓަރުންނަށް ބޮޑެތި ބާރުތަކެއް ވަނީ ދީފައެވެ. އެގޮތުން ކާބޯތަކެތި އުފައްދާ، ތައްޔާރުކުރާ، ބަންދުކުރާ، ގުދަންކުރާ، ވިއްކާ އަދި އިންޕޯޓް/އެކްސްޕޯޓް ކުރާ ތަންތަނަށް ދުރާލައި އެންގުމަކާ ނުލައި ވަދެ ބަލައި ފާސްކުރުމުގެ ބާރު ލިބިގެންވެއެވެ. ނަމަވެސް، މީހުން ދިރިއުޅޭ ގޭގޭގައި ހިންގާ ކާބޯތަކެތީގެ ވިޔަފާރިތަކަށް ވަދެވޭނީ ވެރިފަރާތުގެ ހުއްދައާއެކު ނުވަތަ ކޯޓު އަމުރެއްގެ ދަށުންނެވެ.
އިންސްޕެކްޓަރުންނަށް ކާބޯތަކެތީގެ ސާމްޕަލް ނެގުމާއި، ފޮޓޯ ނެގުމާއި، ލިޔެކިޔުންތައް ބަލައި ކޮޕީ ނެގުމުގެ އިތުރުން މުވައްޒަފުންނާ ސުވާލުކުރުމުގެ އިހްތިޔާރުވެސް އޮވެއެވެ. ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ރައްކާތެރިކަމާ މެދު ޝައްކު އުފެދޭނަމަ، އެ ތަކެތި ހިފެހެއްޓުމާއި، ނައްތާލުން ނުވަތަ އަނބުރާ ފޮނުވާލުމަށް އަމުރުކުރުމުގެ ބާރުވެސް މި ގަވާއިދުން ވަނީ ދީފައެވެ.
އިންސްޕެކްޓަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުމާއި، ފުޑް ސޭފްޓީ ނުވަތަ ހެސަޕް ގެ ތަމްރީނު ލިބިފައިވުމުގެ އިތުރުން ދިވެހި އަދި އިނގިރޭސި ބަހުން މުއާމަލާތް ކުރަން އެނގުން ހިމެނެއެވެ. ނަމަވެސް 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި އޮފިޝަލުންނަށް ބައެއް ޝަރުތުތަކުން އިސްތިސްނާ ލިބިދެއެވެ.
މި ގަވާއިދުގައިވާ ގޮތުން، އިންސްޕެކްޓަރުން މަސައްކަތް ކުރަންވާނީ ނުފޫޒުން އެއްކިބާވެ، ތެދުވެރިކަމާ އެކުގައެވެ. ހަދިޔާ ގަބޫލުކުރުމާއި، ދޮގު މަޢުލޫމާތު ދިނުމާއި، ސިއްރު ހިފެހެއްޓުމަށް އުނިކަން އަންނަ ފަދަ އަމަލުތައް ކުރުމަކީ މަނާކަމެކެވެ. އިންސްޕެކްޝަންތަކުން ފާހަގަވާ ކަންކަން ރަނގަޅުކުރުމަށް 6 މަސްދުވަހުގެ މުހުލަތެއް ދެވޭނެ ނަމަވެސް، އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ހާލަތެއްގައި ވަގުތުން ފިޔަވަޅު އަޅަންޖެހޭނެއެވެ.
ގަވާއިދާ ހިލާފުވާ އިންސްޕެކްޓަރުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކުރާ ފުރަތަމަ ކުށަށް 5,000 ރުފިޔާއިން ޖޫރިމަނާކުރާއިރު، ކުށް ތަކުރާރުވާ މިންވަރަށް ބަލައި ޖޫރިމަނާގެ އަދަދު 100,000 ރުފިޔާއާ ހަމައަށް ބޮޑުވެގެންދާނެއެވެ. މީގެ އިތުރުން ސިވިލް ސަރވިސްގެ ގަވާއިދުގެ ދަށުން އިދާރީ ފިޔަވަޅުވެސް އެޅޭނެއެވެ.
އިންސްޕެކްޓަރުންގެ އަމަލުތަކާ މެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް އޮތްއިރު، އިންސްޕެކްޓަރަކަށް ދެވޭ އަދަބަކާ މެދު ހިތްހަމަނުޖެހޭނަމަ 15 ދުވަހުގެ ތެރޭގައި ޝަކުވާ ހުށަހެޅޭނެއެވެ. އަދި އޮތޯރިޓީގެ ނިންމުމަށް ހިތްހަމަނުޖެހޭނަމަ ކޯޓަށް މައްސަލަ ހުށަހެޅުމުގެ ހައްޤުވެސް ލިބިދީފައިވެއެވެ.
މި ގަވާއިދަށް އަމަލުކުރަން ފަށާނީ ސަރުކާރުގެ ގެޒެޓްގައި މި ގަވާއިދު ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.









