މިދިޔަ އެމްޑީޕީ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލާފައިވަނީ ގާނޫނާ ހިލާފަށް، ވަރަށް ފިނޑި އަދި ނޭއްގާނީ ގޮތެއްގައި ކަމަށާއި، އެ ސަރަހައްދު އަނބުރާ ހޯދުމުގެ މަސައްކަތް މި ސަރުކާރުން ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ސިއްރު ސިއްރުން ދޫކޮށްލާފައިވަނީ އެއްވެސް އިންސާފެއް ނެތި ކަމަށެވެ. އަދި އެކަން ބަދަލުކޮށް، ރާއްޖެއަށް ގެއްލުނު ކަނޑުގެ ބައި އަނބުރާ ހޯދުމަށް ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް މި ސަރުކާރުން ފަށާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ޗާގޯސް ނުވަތަ ފޯޅަވައްސަކީ ގާނޫނީ ހަމަތަކުން ބަލާއިރު ރާއްޖޭގެ ސަރަހައްދެއް ކަމަށާއި، އެ ތަނަކީ ތާރީހީ ގޮތުންވެސް ދިވެހިރާއްޖޭގެ ތަނެއް ކަމަށް ހެކިދޭ ކަމަށެވެ. "ބަޔަކާ އެތަން ހަވާލުކުރާ ނަމަ ކުރަންޖެހޭނީ ރާއްޖެއަށް،" ރައީސް ވިދާޅުވިއެވެ. އެ ސަރަހައްދު ދޫކޮށްލުމުގައި ހިނގާފައިވާ އިންސާފުން ބޭރު ކަންތައްތަކަށް އިންސާފު ހޯދުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ދިވެހި ގައުމުގައި ބޭނުންވަނީ ދިވެހިން އިސްކުރެވިގެން "ދިވެހިންގެ ރާއްޖެ" ހަގީގީ މާނައިގައި ދެމިއޮތުމަށް ކަމަށެވެ. އެއްވެސް އިންސާފެއް ނެތި ގައުމުގެ ބައިތައް ދޫކޮށްލުމާއި، ގާނޫނީ ހަމައަކަށް ބެލުމެއް ނެތި ބޭރު ގައުމުތަކުގެ ސިފައިން މި ގައުމުގައި ބޭތިއްބުމަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
މިފަދަ ނޭދެވޭ ކަންކަން ހައްލުކޮށް، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތު ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.









