މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި އީރާނުން ސައުދީ އަރަބިއްޔާ އާއި އިރާގުގައި ހުރި އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް ޖާސޫސީ އެޖެންސީ (ސީ.އައި.އޭ) ގެ ސިއްރު މަރުކަޒުތަކަކަށް އަމާޒުކޮށް ވަރުގަދަ ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފިއެވެ.
ބައިނަލްއަގުވާމީ އިންޓެލިޖެންސް ރިޕޯޓްތަކާއި މަސްދަރުތަކުން ކަށަވަރުކޮށްދޭ ގޮތުގައި، މިއީ ފަހުގެ ތާރީޚެއްގައި އެމެރިކާގެ ޖާސޫސީ ނެޓްވޯކަށް ސީދާ އަމާޒުކޮށް ދެވުނު އެންމެ ނުރައްކާތެރި ހަމަލާތަކެވެ.
ޚަބަރުތައް ބުނާގޮތުން، އީރާނުގެ ހަމަލާތައް ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ އެމެރިކާ އެމްބަސީގެ އެތެރޭގައި ހިންގަމުންދާ ސީއައިއޭގެ މަރުކަޒަށް އަމާޒުވެފައިވާއިރު، އިރާގުގެ އިރުމަތީ ބޯޑަރު ސަރަޙައްދުގައި ހުރި ސީއައިއޭގެ ސައިޓްތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
މި ހަމަލާތަކަކީ އާދައިގެ ހަމަލާތަކެއް ނޫން ކަމަށާއި، އީރާނުން ބޭނުންކުރި ޓެކްނޮލޮޖީގެ ސަބަބުން މި ހަމަލާތައް ވަރަށް ސީދާކޮށް އަމާޒަށް ވާސިލްވެފައިވާ ކަމަށް އަސްކަރީ މާހިރުން ފާހަގަކުރެއެވެ. އަދި މި ހަމަލާތަކުގެ ފަހަތުގައި ރަޝިއާގެ އިންޓެލިޖެންސް އެހީތެރިކަމެއް އޮތްތޯ ބެލުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ސުވާލު އުފައްދަމުންދެއެވެ.
މި ހަމަލާތަކަކީ އެމެރިކާގެ މަރުކަޒީ ކޮމާންޑް އިން އީރާނުގެ އަސްކަރީ ސައިޓްތަކަށާއި ޑްރޯން ގުދަންތަކަށް ދެމުންދާ ވައިގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ދިން ހަމަލާ ތަކެކެވެ.









