ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ "ރައްޔިތުންގެ އަޑު" ސިލްސިލާ ބައްދަލުވުންތަކުގެ ދަށުން، އިތުރު 4 އިންތިޚާބީ ދާއިރާއަކުން ބައިވެރިވުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
މި ބުރުގައި ރައީސްއާ ސީދާ ބައްދަލުކޮށް ވާހަކަދެއްކުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ މާފަންނު ދެކުނު ދާއިރާ، ރ. އުނގޫފާރު ދާއިރާ، ހއ. ކެލާ ދާއިރާ އަދި ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންނަށެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ރައީސް އޮފީހުގެ ޚާއްޞަ ޕޯޓަލް (rayyithungeadu.presidency.gov.mv) މެދުވެރިކޮށް ނަން ހުށަހެޅޭނެއެވެ. ނަން ނޯޓުކުރުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ ހޯމަ ދުވަހުގެ ރޭގަނޑު 12:00 އެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި ސިލްސިލާގެ ތެރެއިން ހޮވޭ ކޮންމެ ބައިވެރިއަކަށް ވެސް ރައީސުލްޖުމްހޫރިއްޔާއާ އެކަނި ބައްދަލުކޮށް، ދާއިރާގެ ކަންބޮޑުވުންތަކާއި އަމިއްލަ މައްސަލަތައް ހިއްސާކުރުމަށް 10 މިނެޓުގެ ވަގުތެއް ލިބޭނެއެވެ. އަދި ބައްދަލުވުމަށް ދާއިރު އާއިލާގެ މެންބަރަކު (އަނބިމީހާ/ފިރިމީހާ، މައިންބަފައިން ނުވަތަ އެއް ކުއްޖަކު) ގޮވައިގެން ދިއުމުގެ ފުރުސަތުވެސް އޮންނާނެއެވެ. ނަމަވެސް ބައްދަލުވުން ކުރިއަށްދާ ވަގުތު އަމިއްލައަށް އެއްވެސް ކަހަލަ އޯޑިއޯ ނުވަތަ ވީޑިއޯއެއް ރެކޯޑުކުރުމަކީ މަނާކަމެކެވެ.
"ރައްޔިތުންގެ އަޑު" ޕްރޮގްރާމަކީ ރާއްޖޭގެ ހުރިހާ 93 އިންތިޚާބީ ދާއިރާއެއްގެ ރައްޔިތުންގެ ޝަކުވާތަކާއި ޚިޔާލުތައް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުގެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު ސިލްސިލާއެކެވެ. މީގެ ކުރިން ފުރަތަމަ ބުރުގައި ހުޅުމާލޭގެ ދެ ދާއިރާއަކަށާއި، ހޯރަފުށި އަދި ހުޅުދޫ ދާއިރާއަށް ވަނީ މި ފުރުސަތު ދީފައެވެ.









