ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް، ގއ. މާމެންދޫ، ފެހިވިލާ، އަލްއުސްތާޛު އަމްޖަދު މުސްތަފާ، މިއަދު އައްޔަނުކުރައްވައިފިއެވެ.
މި މަގާމަށް އަމްޖަދު މުސްތަފާ އައްޔަނުކުރައްވައި، މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައި އަމްޖަދުއަށް ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަބްދުﷲ ހަމީދެވެ. ހުވައި ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އަމްޖަދުއަށް މަގާމުގެ އައްޔަނުކުރެއްވިކަމުގެ ލިޔުން ހަވާލުކުރައްވާފައެވެ.
އަލްއުސްތާޛު އަމްޖަދު މުސްތަފާއަކީ ތައުލީމީ ގޮތުން ޝަރީއާއިން ލޯ އިން ބެޗްލަރސް ޑިގްރީއާއި، މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ގާނޫނީ ދާއިރާއިންނާއި ޢާންމު ހިންގުމުގެ ދާއިރާއިން ބޮޑެތި ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.
މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން އަމްޖަދު ވަނީ މުހިންމު އެތައް މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތުން، މީގެ ކުރިންވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ކުރައްވާފައިވާއިރު، އެންމެ ފަހުން ހުންނެވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައެވެ. މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމާއި، މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަންވެސް އޭނާ ވަނީ ކުރައްވާފައެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް އަމްޖަދު އައްޔަނުކުރެއްވީ، އެ ޓްރައިބިއުނަލްގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ވަޒީފާއާބެހޭ މައްސަލަތައް އަވަހަށް ނިންމުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުންނެވެ.









