އދ. ދިގުރަށު ކައިރިއަށް ކުރި ސްކޫލް ދަތުރެއްގައި މަރުވި ސިންގަޕޫރުގެ އުމުރުން 15 އަހަރުގެ ދަރިވަރު ޖެނާ ޗޭންގެ އާއިލާއިން، އެ ކުއްޖާ ކިޔަވަމުންދިޔަ އެސްޓީ ޖޯސެފް އިންސްޓިޓިއުޝަން އިންޓަނޭޝަނަލް އާ ދެކޮޅަށް ސިންގަޕޫރުގެ ކޯޓަށް ރަސްމީކޮށް ދައުވާ އުފުލައިފިއެވެ. މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އިއްޔެ އަކީ އެކްސިޑެންޓް ހިނގިތާ ގާތްގަނޑަކަށް 20 މަސްދުވަސް ފަހުން، ޖެނާ ދިރިހުރިނަމަ އޭނާއަށް 17 އަހަރު ފުރޭނެ އުފަންދުވަހެވެ.
އާއިލާއިން ކުރާ ދައުވާގައި ބުނެފައިވަނީ، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސްކޫލުން މަޖުބޫރުކޮށްގެން ރާއްޖެއަށް ކުރި މި ދަތުރުގައި، ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ސްކޫލުން ބޮޑު އިހުމާލެއް ވެފައިވާ ކަމަށެވެ. ޚާއްޞަކޮށް، ދިގުރަށު ކައިރިން މޫދުގެ ހަރަކާތްތައް ކުރިއަށްގެންދިޔަ ރާއްޖޭގެ ވޭލް ޝާކް ރިސާރޗް ޕްރޮގްރާމް ގެ ގާބިލުކަން ސްކޫލުން ރަނގަޅަށް ބަލާފައިނުވާ ކަމަށް އާއިލާގެ ވަކީލުން ފާހަގަކުރެއެވެ. އަދި އެ ސަރަހައްދުގެ އޮއިވަރާއި ރާޅުގެ ހާލަތު ދެނެނުގަނެ، ދަރިވަރުން މޫދަށް ބޭލި ވަގުތު، ލޯންޗެއްގެ ބުރަފަތީގައި ޖެހި ޖެނާ މަރުވީ ސްކޫލުގެ ބެލެނިވެރިކަމުގެ ޒިންމާ ފުރިހަމައަށް އަދާނުކުރުމުން ކަމަށް ދައުވާގައިވެއެވެ.
ޖެނާގެ މައިންބަފައިން ހާމަކުރި ގޮތުގައި، ކޯޓަށް ދާންޖެހުނީ އެކްސިޑެންޓް ހިނގި ގޮތުގެ ހަގީގަތް ހޯދުމަށް ފާއިތުވި ދޮޅު އަހަރެއްހާ ދުވަހު ކުރި މަސައްކަތުން ސްކޫލުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބި، ހުރިހާ ދޮރެއް ބަންދުވުމުން "އެންމެ ފަހުގެ ފިޔަވަޅެއް" ގެ ގޮތުގައެވެ.
އާއިލާއިން ބޭނުންވަނީ މި ހާދިސާގެ ފުރިހަމަ ޒިންމާ ސްކޫލުން އުފުލައި، މުސްތަގުބަލުގައި އެހެން އެއްވެސް ކުއްޖަކަށް މިފަދަ ހިތާމަވެރި ގޮތެއް މެދުވެރިނުވާނެކަން ކަށަވަރު ކުރުމަށެވެ.
މި ދައުވާގައި އެކި ބާވަތުގެ ބަދަލުތައް ހޯދުމަށް އެދިފައިވާއިރު، އާންމުކޮށް މިފަދަ ހައިކޯޓު މައްސަލަތަކުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 250,000 ސިންގަޕޫރު ޑޮލަރަށްވުރެ ގިނަ އަދަދެއް ދައުވާކުރެއެވެ.
މި ދައުވާއާ ގުޅިގެން ބައިނަލްއަގުވާމީ ސްކޫލްގެ ޕްރިންސިޕަލް މައިކަލް ޖޯންސްޓަން ވިދާޅުވީ، އާއިލާއިން ކުރާ އިހުމާލުގެ ތުހުމަތުތަކަށް ސްކޫލުން އިންކާރުކުރާ ކަމަށާއި، ކޯޓުގައި ދިފާއުވުމަށް ގާނޫނީ ވަކީލުން އައްޔަންކޮށްފައިވާ ކަމަށެވެ. އަދި ސްކޫލުން އެއްވެސް މައުލޫމާތެއް ސިއްރުކޮށްފައިނުވާނެ ކަމަށާއި، ދިވެހި ފުލުހުން ކުރިއަށްގެންދާ ތަހުގީގުގެ އެއްވެސް ރަސްމީ ރިޕޯޓެއް މިހާތަނަށް ސްކޫލަށްވެސް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ މިހާރު ކޯޓަށް ހުށަހެޅިފައިވާތީ، އިތުރު ތަފްސީލެއް މީޑިއާއަށް ދެވެން ނެތްކަމަށް އެ ސްކޫލުން ވަނީ ބުނެފައެވެ.









