ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެމެރިކަން އެކްސްޕްރެސް ކާޑު ގެންގުޅުއްވާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން، ދުނިޔޭގެ މަޝްހޫރު ފޯމިއުލާ 1 ސިންގަޕޫރު ގްރޭންޑް ޕްރީގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭ ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
މި ޕްރޮމޯޝަނަކީ ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު އަދި އެމެރިކަން އެކްސްޕްރެސް އިސްލާމިކް ޕްލެޓިނަމް ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި ފަރާތަކަށް މިއަހަރޔ ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ފޯމިއުލާ 1 ސިންގަޕޫރު އެއާލައިންސް ސިންގަޕޫރު ގްރޭންޑް ޕްރީ" ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ، އެ މުއްދަތުގެ ތެރޭގައި ބީއެމްއެލް އެމެކްސް ޕްލެޓިނަމް ކްރެޑިޓް ކާޑު ނުވަތަ އިސްލާމިކް ޕްލެޓިނަމް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ވިޔަފާރިކުރާ ކަސްޓަމަރުންނަށެވެ. ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް، އިތުރު މީހަކާއެކު މި ހާއްސަ ތަޖުރިބާ ހޯދުމުގެ ފުރުސަތު ބޭންކުން ފޯރުކޮށްދޭނެއެވެ.
ގުރުއަތުން ހޮވޭ ފަރާތަށް ލިބޭ އިނާމުތަކުގެ ތެރޭގައި ހިމެނެނީ:
- ފޯމިއުލާ 1 ސިންގަޕޯ ގްރޭންޑް ޕްރީ 2026 ގެ ތިން ދުވަހުގެ އެކްސެސްއާއެކު އެމެކްސް ސްކައި ސޫޓް ގެ 2 ޓިކެޓް.
- ނަސީބުވެރި ފަރާތާއި އިތުރު މީހެއްގެ ދެކޮޅު ވައިގެ ޓިކެޓް.
- އިވެންޓް ކުރިއަށްދާ މުއްދަތުގައި ހޮޓެލް އެކޮމޮޑޭޝަން.
ބޭންކް އޮފް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި، މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ހާއްސަ ލައިފްސްޓައިލް މަންފާތަކާއި، އަގުހުރި ތަޖުރިބާތަކުގެ އިތުރުން މަދުން ނޫނީ ނުލިބޭނެ ފަދަ ތަފާތު ފުރުސަތުތައް ފޯރުކޮށްދިނުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ ހަރަކާތެކެވެ.
މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް https://bankofmaldives.com.mv/race-to-singapore-2026 އިން ލިބޭނެއެވެ.









