އީރާނުގެ ވައިގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަން އެމެރިކާގެ އަސްކަރީ ވައިގެ އުޅަނދެއް (ޑްރޯންއެއް) އީރާނުގެ ބާރުގަދަ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ވައްޓާލައިފި ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
އީރާނުގެ އަސްކަރިއްޔާއާ ހަވާލާދީ ހަބަރުތައް ބުނާގޮތުން، މި އުޅަނދު ވައްޓާލާފައިވަނީ އީރާނުގެ ދެކުނުގެ ގަލްފް ސަރަހައްދުން އެގައުމުގެ ވައިގެ ސަރަހައްދަށް ވަދެ، ޖާސޫސް ކުރަން އުޅެނިކޮށް އީރާނުން އަމިއްލައަށް އުފައްދާފައިވާ ވައިގެ ދިފާއީ ނިޒާމެއް ބޭނުންކޮށްގެންނެވެ.
ފާއިތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކުގައި، އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކުން ވަނީ އެމެރިކާގެ ގިނަ އަދަދެއްގެ ޑްރޯންތަކެއް ވައްޓާލާފައެވެ. އެމެރިކާގެ ރަސްމީ މަސްދަރުތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އެމެރިކާގެ އެންމެ ޒަމާނީ އަދި އަގުބޮޑު އެމްކިއު9 މޮޑެލްގެ ގާތްގަނޑަކަށް 30 ޑްރޯން އީރާނުން ވަނީ ވައްޓާލާފައެވެ. މީގެ އިތުރުން މިއަދު ލޫކާސް މޮޑެލްގެ ޑްރޯނެއްވެސް އީރާނުން ވައްޓާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި އުޅަނދުތައް ވައްޓާލުމުގެ ސަބަބުން އެމެރިކާގެ އަސްކަރިއްޔާއަށް ވަނީ މާލީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެ ތެރެއިން ކޮންމެ އެމްކިއު9 ޑްރޯންއެއްގެ އަގަކީ ގާތްގަނޑަކަށް 30 މިލިއަން އެމެރިކާ ޑޮލަރު ކަމަށްވާއިރު، ގެއްލުނު ޑްރޯންތަކުގެ ޖުމްލަ މާލީ ގެއްލުން މިހާރު ވަނީ 1 ބިލިއަން ޑޮލަރާ ގާތްކޮށްފައެވެ.








