ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު "އާރްޓީއެލް" ގެ ޚިދުމަތް ހޯއްދަވާ ކަސްޓަމަރުންނަށް، ކުރިން ކޮށްފައިވާ ދަތުރުތަކާ ގުޅޭ ޕޭމަންޓް ނޮޓިފިކޭޝަންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ހާމަކުރި ގޮތުގައި މިގޮތަށް ދިމާވާން މެދުވެރިވީ އާރްޓީއެލްގެ ޕޭމަންޓް ކަލެކްޝަންއަށް ބޭނުންކުރާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަރވަރގެ މެއިންޓަނަންސް މަސައްކަތެއް ކުރިއަށް ގެންގޮސްފައިވާތީއެވެ. މި މަސައްކަތުގެ ސަބަބުން، އާންމު ދަތުރުފަތުރުގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކުން ކުރިން ކޮށްފައިވާ ދަތުރުތަކާ ގުޅުންހުރި މުއާމަލާތުގެ މެސެޖުތަކެއް ކަސްޓަމަރުންނަށް ފޮނުވިދާނެ ކަމަށް ބޭންކުން ވަނީ އެ ކުންފުންޏަށް އަންގާފައެވެ.
އެހެންކަމުން، މިކަމަށް ކަސްޓަމަރުން ސަމާލުވުމަށް އެމްޓީސީސީން ވަނީ އިލްތިމާސްކޮށްފައެވެ. މި މެއިންޓަނަންސް މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީން ވަނީ މައާފަށް އެދިފައެވެ. އަދި ކަސްޓަމަރުންގެ ފަރާތުން އެ ކުންފުންޏަށް އަބަދުވެސް ލިބެމުންދާ އެއްބާރުލުމަށް އެމްޓީސީސީން ވަނީ ޝުކުރު އަދާކޮށްފައެވެ.
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ނަމަ، އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުއްވުމަށް އެމްޓީސީސީން އެދެއެވެ.









