ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސަތޭކަ އިންސައްތަ ދިވެހިން ހިއްސާވާ ފަސް ކުންފުންޏަކާއެކު މިއަދު ސޮއިކޮށްފިއެވެ.
އެފޯޑަބަލް ހޯމް އޯނަރޝިޕް ސްކީމަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ދިވެހި ކުންފުނިތަކުގެ ބައިވެރިވުން މިފަދަ ބޮޑެތި މަޝްރޫޢުތަކުގައި އިތުރުކުރުމުގެ މަޤްޞަދުގައެވެ.
މި މަޝްރޫޢުގައި ސޮއިކުރި ފަސް ފަރާތަކީ:
- އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް.
- ޖޭވީ ޕާޓްނާޝިޕް – ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް.
- އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް.
4. ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރު.ސީ.ސީ).
- ޖޭވީ ޕާޓްނާޝިޕް - ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް، އޮކްސްރޯ ޕްރައިވެޓް ލިމިޓެޑް، ސޮލެކްސް ޕްރައިވެޓް ލިމިޓެޑް އަދި ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑް.
މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ހައުސިންގ ޔުނިޓުތަކަކީ މެދު ފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ބިނާކުރެވޭ ތަންތަނެވެ. މި ފްލެޓްތައް ވިއްކުމުގައި އަމަލުކުރަންޖެހޭނީ ސަރުކާރުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ފޯމު ހުށަހަޅައި، އޭގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް އިސްކަންދޭ އުސޫލުންނެވެ.
ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް ކުރައްވަމުންދާ މަސައްކަތުގެ ތެރެއިން ފެށި މި މަޝްރޫޢުގެ ސަބަބުން، ގިނަ އަދަދެއްގެ ދިވެހި އާއިލާތަކަށް އަމިއްލަ ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.









