މާލެ ސަރަހައްދުގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައި، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރެއްވުމަށްޓަކައި "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ގެ ނަމުގައި އައު އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފައްދަވައިފި އެވެ.
މި އޮފީސް އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުންނެވެ. މި އޮފީސް ހިނގަމުންދާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގަ އެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި މި އޮފީސް ބިނާކުރުމުގެ މައިގަނޑު މަގުސަދަކީ މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތައް އިތުރުވެ، ތޮއްޖެހުމުގެ މައްސަލަ ބޮޑުވަމުންދާތީ، އެކަމަށް އަވަސް އަދި ދާއިމީ ހައްލެއް ހޯދުމެވެ. މިގޮތުން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހާއްސަ ޕްރޮގްރާމްތަކެއް އެކުލަވައިލައި ތަންފީޒުކުރުމުގެ މަސައްކަތް މި އޮފީހުން ކުރިއަށް ގެންދާނެ އެވެ.
މީގެއިތުރުން، މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކުރުމާއި، ޕާކު ކުރެވޭނެ ވަސީލަތްތައް ތަރައްޤީކުރުމުގެ އިތުރުން، ތޮއްޖެހުމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމަކީވެސް މި އޮފީހުގެ މުހިންމު ޒިންމާއެކެވެ.
"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ހިންގުމަށް ހަމަޖެހިފައިވަނީ ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުންނެވެ. އަދި ދައުލަތުގެ އިދާރާތަކުން މި އޮފީހަށް ފޮނުވާ ސިޓީތަކުގައި ބޭނުންކުރާނެ ރަސްމީ ނަންބަރަކީ 482 ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ކަނޑައަޅާފަ އެވެ.









