ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު ކުރިޔަށް ގެންދާ ދާއިރާތަކުގެ ބޮޑު އިންތިހާބަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ ފަދަ ޑިމޮކްރެޓިކް އަދި ދެފުށް ފެންނަ އިންތިހާބެއް ކަމަށާއި، މިއީ އެހެން ސިޔާސީ ޕާޓީތަކުން ނަމޫނާ ލިބިގަންނަންޖެހޭ ފަދަ ހަރަކާތެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ، ޕީއެންސީން ދައްކުވައިދެނީ ވަރުގަދަ ސިޔާސީ ޕާޓީއެއް އެތެރޭގެ ނިޒާމުތައް ހަރުދަނާކޮށް ހިންގާނެ ފުރިހަމަ މިސާލެއް ކަމަށެވެ.
މި އިންތިޚާބުގެ ބޮޑުކަންް ސިފަކޮށްދެއްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ، އަދި އެންމެ ގިނަ މަގާމުތަކަށް މީހުން އިންތިޚާބުކުރާނެ އިންތިޚާބަކީ މިއަދު ބާއްވާ ޕީއެންސީގެ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ އިންތިޚާބު ކަމަށެވެ.
"އަދި ހަމައާއެކު ފާހަގަކޮށްލަން ބޭނުންވޭ އެންމެ ގިނަ ކެންޑިޑޭޓުން ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގައި ވާދަކުރާ އިންތިޚާބަކީ މިއަދު މިހާރު ފެށިގެން ކުރިއަށްދާ އިންތިޚާބު. އެނގިވަޑައިގަންނަވާނެ 2086 މަގާމަށް މީހުން އިންތިޚާބުކުރަންްޖެހޭ. އެއަށްވުރެ މާގިނައިން އެބަތިބި ކުރިމަތިލާފައި އިނގޭތޯ؟ 131 ރަށު ދާއިރާތަކުގައި އަޅުގަނޑުމެން ވޯޓު ފޮށި ބަހައްޓައިގެން ވާދަވެރިކަމާއެކު ކުރިއަށްދޭ،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މި ފަހަރުގެ އިންތިހާބަކީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ކޮންގްރެސް އަށް މަންދޫބުންނާއި ތަފާތު މަގާމުތަކަށް މީހުން ހޮވުމަށް ބާއްވާ މުހިންމު އިންތިހާބެކެވެ. މި އިންތިހާބުގައި ޕާޓީގެ ދާއިރާތަކުގެ ރައީސުންނާއި، ނައިބު ރައީސުންގެ އިތުރުން ޒުވާނުންގެ ގޮފި، އަންހެނުންގެ ގޮފި އަދި ރަށްރަށުގެ ހިންގާ ކޮމިޓީތަކަށް ގިނަ އަދަދެއްގެ މެންބަރުން ވަނީ ކުރިމަތިލާފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ޕާޓީގެ ހިންގުން ރާއްޖޭގެ ހުރިހާ މީހުން ދިރިއުޅޭ ރަށަކަށް ފުޅާކުރުމުގެ މަސައްކަތް ވަރަށް ހަރުދަނާކަމާއެކު ދަނީ ކުރިޔަށެވެ.









