ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 09:00 ގައި ރަސްމީކޮށް ފަށައިގެން ކުރިއަށް އެބަދެއެވެ. ޕީއެންސީގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، އިންތިޚާބުގެ އިދާރީ ހުރިހާ އިންތިޒާމްތަކެއް ފުރިހަމައަށް ރޭވިފައިވާއިރު، ވޯޓުލުން ކުރިއަށްދާނީ ހަވީރު 04:00 ޖަހަންދެކަށެވެ. އަދި ހަވީރު 04:00 ވުމާއެކު ވޯޓުލާން ކިއުބަންދުކުރެވޭނެ ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.
މި އިންތިޚާބުގައި މާލެ ސަރަހައްދުގެ މީހުން ވޯޓުލުމަށްޓަކައި 5 ސަރަހައްދެއްގައި ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. އެގޮތުން މާލޭގެ ސިޓީތަކަށް އަމީނިއްޔާ ސްކޫލް، އަތޮޅުތަކުގެ ދާއިރާތަކަށް އިސްކަންދަރު ސްކޫލް، ހުޅުމާލެ ފޭސް 2 އަށް ކަމާލުދީދީ ޕްރީސްކޫލް، ހުޅުމާލެ ފޭސް 1 އަށް ރެހެންދި ސްކޫލް، އަދި ވިލިމާލެ ދާއިރާއަށް މުހިއްޔުއްދީން ސްކޫލުގައި ވޯޓުފޮށިތައް ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން ރަށްރަށުގައި ވޯޓުލުން ކުރިއަށްދާނީ އެ ރަށަކުން ކަނޑައަޅާފައިވާ ވަކި ޚާއްޞަ ސަރަހައްދުތަކެއްގައެވެ.
ރާއްޖޭގެ 131 ރަށެއްގައި ކުރިއަށްދާ މި ދާއިރާތަކުގެ އިންތިޚާބުގައި ތަފާތު މަޤާމުތަކަށް 2500 އެއްހާ ކެނޑިޑޭޓުން ވާދަކުރެއެވެ. އިންތިޚާބާ ގުޅޭ އިޖުރާއީ އުސޫލުތަކާއި، ކޮންމެ މީހަކުވެސް ވޯޓުލާން ދާންޖެހޭ ސީދާ މަރުކަޒުގެ މައުލޫމާތު ފަސޭހަކަމާއެކު ބަލައިލެވޭނެ އިންތިޒާމް ޕީއެންސީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް މިހާރު ވަނީ އާންމުކޮށްފައެވެ.
https://elections.pnc-portal.com/accounts/login/code/
ޕީއެންސީގެ ހިންގާ ޤަވާއިދު ބުނާގޮތުން، އެ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންފައިވާ މެމްބަރުންނަކީ އަމަލީގޮތުން އެ ދާއިރާއެއްގެ ރައީސުންނެވެ. އެހެންކަމުން، މިއަދު ބާއްވާ އިންތިޚާބުގައި ދާއިރާތަކުގެ ރައީސުން ހޮވުމަށް ވޯޓުލުން ކުރިއަށްދާނީ، ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ މެމްބަރުން ތަމްސީލުނުކުރާ ދާއިރާތަކުގައި އެކަނި ކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ.









