މިއަދު ގޫގުލް ސާޗް އިންޖީނަށް ގޮސް "އާލިން ހާލަންޑް" ގެ ނަން ޖަހާލައިފިނަމަ، ތަފާތު ސަޅި މަންޒަރެއް ފެނިގެން ދާނެއެވެ. ސާޗް ނަތީޖާތަކާއެކު ސްކްރީން މަތިން ފެންނަ މި ހާއްސަ ހަރަކާތަކީ، ދުނިޔޭގެ އެންމެ މަގުބޫލު ސާޗް އިންޖީނުން ނޯވޭގެ މި ތަރިއަށް އެރުވި ހާއްސަ ޝަރަފެކެވެ.
މިއީ މިހާރު ކުރިއަށްދާ މި އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ހާލަންޑް ދައްކަމުންދާ މޮޅު ކުޅުމުގެ އަގުވަޒަންކުރުމުގެ ގޮތުން ގޫގުލްއިން ގެނައި ބަދަލެކެވެ. މިހާރު ގޫގުލް ސާޗްގައި "Erling Haaland" ޖަހާލުމުން، އާންމުކޮށް ފެންނަ ލިންކުތަކުގެ އިތުރުން ހާއްސަ ފީޗާއެއް ފެންނާނެއެވެ. އެގޮތުން ސްކްރީންގެ ތިރިން ނޯވޭގެ ސަގާފީ ހެދުމުގައި ތިބި ހަތް މީހަކު ކަނދުފައްޗެއްގައި ފަލިޖަހާފައި ދާ މަންޒަރު ފެންނަ 'ޕޮޕް-އަޕް' އެއް އަރަ އެވެ. އަދި ސްކްރީންގެ އެކި ދިމާލަށް މައުސްގެ ކާސާ ގެންދިއުމުން ބެރުގެ އަޑެއް އިވޭ ގޮތަށްވެސް ވަނީ ފަރުމާކޮށްފަ އެވެ.
ގޫގުލް އިން މިފަދަ ސަޕްރައިޒެއް ދީފައިވަނީ 28 އަހަރުގެ މެދުކެނޑުމަކަށްފަހު ނޯވޭ ވޯލްޑް ކަޕަށް ކޮލިފައިވެ، މިހާތަނަށް ކުޅުނު ފަސް މެޗުން ހަތް ގޯލު ޖަހައި އޭނާ ދައްކަމުންދާ ތަފާތު ކުޅުމުގެ ސަބަބުންނެވެ. މިކަމާ ގުޅިގެން ހާލަންޑް ވަނީ "މިއަދު ކުރަންޖެހޭ އެއް ކަމަކީ ގޫގުލްގައި އަހަރެންގެ ނަން ސާޗްކޮށްލުން" ކަމަށް ބުނެ މީސްމީޑިއާގައި ޕޯސްޓެއްވެސް ކޮށްފަ އެވެ.
މީގެ އިތުރުން، ހާލަންޑާއި މަޝްހޫރު މިއުޒިކް ޕްރޮޑިއުސަރު ކައިގޯ ގުޅިގެން ނެރުނު "ކައިގޯ ޖޯ" ރެޕް ލަވައިގެ ރީމިކްސްއަށްވެސް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ޔޫޓިއުބްގައި މި ލަވައަށް މިހާތަނަށް 8.9 މިލިއަނަށްވުރެ ގިނަ ވިއުސް ވަނީ ލިބިފަ އެވެ.
މެންޗެސްޓާ ސިޓީއަށް ކުޅެމުންދާ ހާލަންޑަކީ މިހާރު ދުނިޔޭގައި ހުރި އެންމެ ނުރައްކާތެރި ފޯވާޑަށް ވާއިރު، ވޯލްޑް ކަޕްގައި އޭނާ ހޯދަމުންދާ ކާމިޔާބީއާއެކު އޭނާގެ މަގުބޫލުކަން ވަނީ މުޅި ދުނިޔޭގައި އިންތިހާއަށް އިތުރުވެފަ އެވެ.








